އީރާން-އެމެރިކާ ހަނގުރާމައާއި ގުޅިގެން ދިމާވާނެ ދަތިތައް ހައްލުކުރުމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައިފި
އީރާނާއި އެމެރިކާއާއި ދެމެދު ކުރަމުނދާ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ.
މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ) އާއި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީނާއި ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް އަދި ހަޔަރއެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
ހީނާ ވިދާޅުވީ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ވުޒާރާތަކުން ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ.
މިއަދު އީރާނާއި އެމެރިކާ/އިޒްރޭލާއި ދެމެދު ފެށިފައިވާ ހަނގުރާމައާއި ގުޅިގެން ވައިގެ ދަތުރުފަތުރުތަކަށް ވަނީ ބުރޫއަރަން ފަށާފައެވެ. އެގޮތުން ރާއްޖޭގެ މައި ވައިގެ ބަނދަރު ކަމަށްވާ ވެލާނާ އިނޓަނޭޝަނަލް އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ތާށިވެފައެވެ. މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓްތައް ކެންސަލް ކޮށްފައިވާއިރު, ކުރިއަށް ދެ ދުވަހުގެ ބައެއް ފްލައިޓްތައްވެސް ވަނީ ކެންސަލްކުރަން ނިންމާފައެވެ. މީގެ ސަބަބުން ރާއްޖޭގެ އެއާޕޯޓުގައި ތާށިވާ ފަތުރުވެރިންގެ އަދަދު 5000 އަށް އަރާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން އީރާނުން އެގައުމުގެ ކައިރީގައި އޮންނަ ހޮރުމުޒް ކަނޑު އޮޅި ބަންދުކޮށްފައިވާއިރު, އޭގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލޭނެކަމަށް ބެލެވެއެވެ. އިގްތިސާދީ މާހިރުން ލަފާކުރައްވާ ގޮތުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 112 ޑޮލަރަށްް އަރާނެއެވެ.






ރިއެކްޓް