ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުވަން އެމްޑީޕީން ކޯޓަށް ދަނީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު ނަގަން ތާވަލުކޮށްފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީން ކޯޓަށް ދާން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ގަރާރު އޮތީ ދެ އިންތިހާބު އެއްކޮށްލުމަށް ޓަކައި ޤާނޫނަށް ގެނައި ބަދަލާ ޚިލާފަށް ކަމަށެވެ.
އެކަން ފާހަގަކުރެވިގެން އެ މައްސަލަ އެމްޑީޕީން މިއަދު ކޯޓަށް ވައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވޯޓުލުން ހުއްޓުވުމަށް ޓަކައި ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ބެހޭ ވޯޓު ނެގުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ މަސައްކަތް ކުރުމަށް ޚާއްޞަ ޓާސްކްފޯހެއް ވެސް އެ ޕާޓީން ވަނީ އެކުލަވައިލައިފަ އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުން ހުއްޓުވުމަށް ޓަކައި އެމްޑީޕީން އެ ނޫން ވެސް އެތައް މަސައްކަތެއް ކުރާނެ އެވެ. އެގޮތުން މުޅި ރާއްޖޭގައި ޚާއްޞަ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި އަންނަ މާޗު މަހު ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލާ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ.
ޤާނޫނުއަސާސީ އަށް މިފަދަ ބަދަލު ގެނެވޭނީ ރައްޔިތުންގެ ޢާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ފެންނަ ނުފެންނަ ވޯޓު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.






ރިއެކްޓް