އައްޑޫގައި މަސައްކަތްކުރާ ބިދޭސީއަކު އިސްލާމްވެ، އައު ޙަޔާތެއް ފަށައިފި
މިއަދު އަސްރު ނަމާދަށްފަހު ފޭދޫ ބޮޑު މިސްކިތުގައި ތިބި މީހުންގެ ހެކިވެރިކަމާއެކު، ބިދޭސީ މަސައްކަތްތެރިއަކު އިސްލާމްދީނުގެ ހިދާޔަތު ޤަބޫލުކޮށްފިއެވެ.
އިސްލާމްވީ ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ "ޖަޔަސިންހަ އަރަޗިގެ ވަރްނަ ޕްރަބަތު ސަދަރުވަން" އެވެ. އޭނާއަކީ ފޭދޫގައި ހިންގާ "ނަޔާ ސެލޫން" ގައި މަސައްކަތް ކުރަމުން އަންނަ، ރަށުގެ ގިނަ ބަޔަކު ދަންނަ މޫނެކެވެ. ފޭދޫގެ މުޖުތަމަޢުގެ ތެރޭގައި ދިރިއުޅެމުން އައި ދުވަސްތަކުގައި، މި ރަށުގެ ރައްޔިތުންގެ ފަރާތުން އޭނާއަށް ފެނުނު އިސްލާމީ އަޚްލާޤާއި އޯގާތެރިކަން، އޭނާގެ ހިތުގައި މި ދީނަށް ލޯބި އުފެދުނު ސަބަބެއް ކަމުގައި ވެއެވެ.
ފޭދޫ ބޮޑު މިސްކިތުގެ އިމާމު ޝައިޚް އަހްމަދު ރިމާޒް ވަނީ މި އައު އަޚާއަށް ޝަހާދަތުގެ ދެކަލިމަ ލައިދެއްވާފައެވެ. "އަޝްހަދު އަން ލާ އިލާހަ އިއްލަﷲ، ވަ އަޝްހަދު އައްނަ މުޙައްމަދަން ރަސޫލުﷲ" މި ބަސްތައް އޭނާގެ ދުލުން ބޭރުވި ވަގުތު، މިސްކިތުގައި ތިބި މީހުންގެ ތެރެއިން ތަކުބީރުގެ އަޑު ގުގުމައިގެން ދިޔައެވެ. އިސްލާމްވީ މީހާ ވަނީ އޭނާގެ ނަން ޢަބްދުﷲ އާދަމް އަށް ބަދަލުކޮށްފައެވެ.
ޝަހާދަތް ކިޔުމާއެކު، މިސްކިތުގައި ތިބި ފޭދޫގެ ރައްޔިތުން ޢަބްދުﷲ އާދަމްގެ ގައިގައި ބައްދައި މަރުޙަބާ ކިޔެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެނުނީ ހިނިތުންވުމާއި އުފާވެރިކަމެވެ.






ރިއެކްޓް