ޚަބަރު

ސިނަ-މާލެހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެނީ

17 ފެބްރުވަރީ 2026 - 09:33
ސިނަ-މާލެހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެނީ

ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގެ ކޮންމެ ފްލެޓަކަށް 100,000 ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އިއްޔެ ހަވީރު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ނިންމެވި މި ނިންމެވުންތަކާއި ގުޅޭގޮތުން ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި ކުލި ނުދެއްކި ހުރި ފަރާތްތަކުގެ ތެރެއިން ފްލެޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި އަދަދު 100,000 ރުފިޔާއަށް ވުރެ ގިނަނަމަ، އެ އަދަދުން އެއްލައްކަ ރުފިޔާ އުނިކޮށްދެވޭނެ ކަމަށާއި ކުލީގެ ބާކީ ފައިސާ 100,000 ރުފިޔާއަށް ވުރެ މަދުނަމަ، އެ ފައިސާ އެއްކޮށް މާފުކޮށްދިނުމަށްފަހު ބާކީވާ ބައި ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުމުގެ އިތުރުން ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތް ސީދާ އެ ފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.

ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތައް ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފައެވެ. ލިފްޓުތައް ހަލާކުވުމާއި ފާޚާނާތަކުން ފެން ފޭބުން ފަދަ އާންމު ދިރިއުޅުމަށް ދަތިވާ ގިނަ މައްސަލަތަކެއް ތަހައްމަލުކުރަމުންދާކަން އެތަންތަނުގައި އުޅޭ ރައްޔިތުން ވަނީ ރައީސްއާއިއެކު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކޮށްފައެވެ. މިދިޔަ ޑިސެމްބަރު މަހު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ މިފަދަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ނިންމެވުން އައިސްފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް 50 ދުވަހަށް ވުރެ ކުޑަ މުއްދަތެއް ކައިރިވެފައި ވަނިކޮށެވެ. މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ނަޤުދު ފައިސާ ދިނުމާއި ޖޫރިމަނާ މާފުކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ބެލެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދަން ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0