ކުޅިވަރު

ނޮމިނޭޓްވިކަން އެންގުމަށްފަހުވެސް، އެތްލީޓަކު ނޮމިނޭޝަނުން އުނިކޮށްފި

13 ފެބްރުވަރީ 2026 - 22:20
ނޮމިނޭޓްވިކަން އެންގުމަށްފަހުވެސް، އެތްލީޓަކު ނޮމިނޭޝަނުން އުނިކޮށްފި
ފޮޓޯ: ރައީސް އޮފީސް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 2024 ވަނަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ހޭންޑްބޯޅަ ކުޅުންތެރިޔާ ރާއިދު ރަޝީދަށް ނޮމިނޭޓްވި ކަމުގެ މެސެޖު ލިބި، ނޮމިނޭޝަން ފޮޓޯވެސް ނަގާފައިވަނިކޮށް، މިނިސްޓްރީން އިއުލާންކުރި ފައިނަލް ލިސްޓުން އޭނާގެ ނަން އުނިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޭންޑްބޯޅަ ފިރިހެން އެންމެ މޮޅު އެތްލީޓުގެ ކެޓަގަރީއަށް ރާއިދު ނޮމިނޭޓުވި ކަމުގެ މެސެޖު އޭނާއަށް ވަނީ ރަސްމީކޮށް ފޮނުވާފަ އެވެ. އަދި ނޮމިނޭޝަން ފޮޓޯޝޫޓްވެސް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ.

ނަމަވެސް، ކުޅިވަރާ ބެހޭ މިނިސްޓްރީން ރަސްމީކޮށް ނޮމިނޭޝަންތައް އިއުލާން ކުރިއިރު، އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިންގެ ތެރޭގައި ރާއިދުގެ ނަމެއް ނެތެވެ. ރާއިދުގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިކަމުގެ ޝަކުވާކޮށްފަ އެވެ. އަދި މިއީ ބައެއްގެ ބާރުގަދަކަމުން ހެދިގޮތެއްކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. މިއީ އެވޯޑު ނުލިބިގެން ބުނާ އެއްޗެއް ނޫންކަމަށާއި ރާއިދު އުންމީދުކުރީވެސް ހަމައެކަނި ނޮމިނޭޓުވުމަށް ކަމަށާއި ހޭންޑްބޯޅަ އެސޯސިއޭޝަނުން މިފަދައިން ކަންތައް ކުރުމަކީ ދެފުށްފެންނަ ގޮތައް ނޫންކަން ދޭހަވާ ގޮތަށްވެސް ވަނީ ބުނެފަ އެވެ. 

ނޮމިނޭޓްވި ކަމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވަނިކޮށް، ފަހު ވަގުތު ލިސްޓުން ނަން އުނިވީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، މިނިސްޓްރީން އަދި މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. 

މިފަހަރުގެ ސްޕޯޓްސް އެވޯޑު ނޮމިނޭޝަންތަކުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް މީސް މީޑިއާގައި ވަރަށް ގިން ބަޔަކު ދަނީ ބުނަމުންނެވެ. ބައެއް ކުޅިވަރުތަކުން އެއްވެސް އެތްލީޓެއް ނޮމިނޭޓް ނުވާއިރު، ބައެއް ކެޓަގަރީތަކުން ދެ މީހުންވެސް ނޮމިނޭޓްވެފައިވެ އެވެ. މިނިސްޓްރީން ވަނީ މިގޮތަށް ނޮމިނޭޝަންތައް ހުރީ ބައެއް އެސޯސިއޭޝަންތަކުން ނަން ނުފޮނުވުމުންކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0