ބައެއް ކުޅިވަރުތަކުގެ ނޮމިނޭޝަން ނެތީ އެސޯސިއޭޝަނުން ނަން ނުފޮނުވައިގެން: މިނިސްޓްރީ
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 2025 ވަނަ އަހަރުގެ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގައި ބައެއް ކުޅިވަރުތަކުގެ އެތްލީޓުން ނޮމިނޭޓް ނުވެ އޮތީ، އެ ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުން ނޮމިނޭޝަންތައް ފޮނުވާފައި ނުވާތީ ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
މި އެވޯޑުގައި ތިން ކުޅިވަރެއް ކަމަށްވާ ބާސްކެޓްބޯޅަ އަދި ސާފިންގް އަދި ފުޓުބޯޅަ މިފަހަރުގެ ނޮމިނޭޝަންތަކުގައި ހިމެނިފައި ނުވެ އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އެ އެސޯސިއޭޝަނުން ނަންތައް ނުފޮނުވީ 2024 ވަނަ އަހަރުގެ ތެރޭގައި ބާސްކެޓްގެ ކުޅެވިފައިވަނީ އެންމެ މުބާރާތަކަށް ވާތީ އެވެ.
2023 ވަނަ އަހަރުގެ ސްޕޯޓސް އެވޯޑަށް މުބާރާތް މަދުވެގެން 2024 ވަނަ އަހަރު ކުރީކޮޅު ކުޅުނު ލީގު 2023 ވަނަ އަހަރުގެ އެވޯޑަށް ގުނުމުން 2024 ވަނަ އަހަރުގެ ދެން ބާކީ ނުގުނައި އޮތް މުބާރާތަކީ ސުޕަކަޕް އެކަނި ކަމަށްވެފައި އެ މުބާރާތުގައި ކޮންމެ ކުޅުންތެރިއަކަށް ގިނަވެގެން ލިބިފައިވަނީ އެވްރެޖްކޮށް 3 މެޗުކަމުން އެމުބާރާތުން އެކަނި ގުނައިފިނަމަ އެހާރަގަޅު ނިންމުމަކަށް ނުވެދާނެތީއެވެ.
އެހެންކަމުން، އެވޯޑަށް ނޮމިނޭޓް ކުރާނެ އެކަށީގެންވާ މިންވަރަށް މުބާރާތްތައް ބޭއްވިފައި ނުވާކަން އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ނަމަވެސް، ސާފިންގް އެސޯސިއޭޝަނުން އެތްލީޓުންގެ ނަންތައް ފޮނުވާފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސުންގަޑި ހަމަވި ފަހުންނެވެ. މި އިހުމާލާ ގުޅިގެން ސާފިންގް އެސޯސިއޭޝަނުން ވަނީ މައާފަށްވެސް އެދިފައެވެ.
އެފްއޭއެމުންވެސް މި އެވޯޑަށް ނަން ފޮނުވާފައެއް ނުވެ އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، އެވޯޑުގެ ހުރިހާ ކެޓަގަރީއަކަށްވެސް އެތްލީޓުންނާއި އޮފިޝަލުން ނޮމިނޭޓް ކުރަން ޖެހެނީ އެ ކުޅިވަރެއްގެ ގައުމީ އެސޯސިއޭޝަނުންނެވެ. އެސޯސިއޭޝަންތަކުން މި ޒިންމާ އަދާނުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ބައެއް އެހެން ކެޓަގަރީތަކަށްވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. އެގޮތުން، ކުޅިވަރު ނޫސްވެރިޔާ އަދި ވިޝުއަލް އާޓިސްޓްގެ ކެޓަގަރީންވެސް މިފަހަރު ނޮމިނޭޓްކޮށްފައިވަނީ އެންމެ ދެ މީހުންނެވެ.






ރިއެކްޓް