ހިޔާ ފްލެޓް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 10 ބިދޭސީއަކު ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން، ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް ސަރަހައްދުން 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ އެ އިދާރާގެ ޓާސްކްފޯސްއިން އިއްޔެ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރިތަކަށެވެ. އިމިގްރޭޝަނުން މިއަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 95 ބިދޭސީއަކު ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ބަލައިފާސްކުރި މީހުންގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވުނު 10 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކެފޭ، ރެސްޓޯރަންޓް އަދި ކުދި ފިހާރަތައް ބަލައިފާސްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ވަނީ މިހާރު ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
ސަރުކާރުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށާއި މުޖުތަމައުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ހިންގޭ މުހިންމު ހަރަކާތްތަކެކެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.






ރިއެކްޓް