ކޮލަމް , ސިޔާސީ

ކޮލަމް: ކޮންމެ ފަސް އަހަރަކުން އާ ރަސްކަލަކު ހޮވުން

11 ފެބްރުވަރީ 2026 - 09:48
ކޮލަމް: ކޮންމެ ފަސް އަހަރަކުން އާ ރަސްކަލަކު ހޮވުން
އާޓްވޯކް: ވިރާސީ

ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާއެވެ. ރައްޔިތުންގެ މަޖްލީހުން ސަރުކާރު ޒިންމާދާރު ނުކުރެވޭކަމުގެ ޝަކުވާއެވެ. ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ޝަކުވާއެވެ. މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ނުކުރާކަމުގެ ޝަކުވާއެވެ. ހައްދެއް ނެތި ސިޔާސީ މަގާމުތައް ބަހާކަމުގެ ޝަކުވާއެވެ. މި ހުރިހާ ޝަކުވާތަކެއް ހަމަ ކޮންމެ ވެރިކަމެއްގައިވެސް ކުރަން ޖެހެއެވެ. ބަދަލުވަނީ ވެރިޔަކަށް ހުންނަ މީހާއެވެ. ކަންކުރާގޮތް ހަމަ އެއްގޮތެވެ.

ރައްޔިތުންނަށް ލިބޭ ހަމަ އެކަނި ބާރަކީ ކޮންމެ ފަސް އަހަރަކުންއެބައިމީހުންގެ ވެރިޔަކު ހޮވުމެވެ. އެއީ މި ހިނގާ ރިޔާސީ ނިޒާމުގެ ރަނގަޅު ސިފަކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދިވެހީން ހޯދައިގަތް ޑިމޮކްރެޓިކް ބަދަލުން ރައްޔިތުންނަށް ހައްގު މިންވަރަކީ ކޮންމެ ފަސް އަހަރަކުން ވެރިޔަކު ހޮވަން ވޯޓުލުންބާއެވެ؟

ދިވެހި ރާއްޖޭގައި ހިނގަމުން އައި ދިގު ރަސްކަން ދެ ފަހަރަށް ޖުމްހޫރިއްޔަތަކަށް ފުރޮޅުނެވެ. ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ބާރުގެ މައްޗަށް ހިންގާ ރައްޔިތުންގެ ވެރިކަންކަމަށް ބުނެދެއެވެ. ޖުމްހޫރިއްޔަތެއްގައި، ރިޔާސީ ވެރިކަން ހިންގާތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީއެވެ. ފެންނަނީ އެއް ކަމެކެވެ. ބާރުތައް އަތަށް ޖަމާވެފައިވާ ބޮޑު އެކަކެވެ. ތަފާތަކީ ރަސްކަލެކޭ ނުކިޔާ ކަމެވެ.

ހަގީގަތުގައި މިހާރު އޮތް ވެރިކަން ހިންގުމުގެ ނިޒާމުން ރައްޔިތުންނަށް ލިބިދޭ ހަމަ އެކަނި ބާރަކީ ކޮންމެ ފަސް އަހަރަކުން އާ "ރަސްކަލަކު" ހޮވުމެވެ. އެއް ރަސްކަލަކު ގޯސް ވެގެން އާ ރަސްކަލަކު އަނެއްކާވެސް ހޮވުމެވެ. އެ މީހާވެސް ގޯސްވުމެވެ. ރަނގަޅު "ރަސްކަލަކު" އަންނާނެބާއެވެ؟

އެކެއްގެ އަތްމައްޗަށް ހުރިހާ ބާރެއް އޮންނަ، އިތުރު ބާރުތައް ރައްޔިތުންގެ މަޖްލީހުން އެ މީހާގެ މުށުތެރެއަށް ކަހާލެވޭގޮތަށް އޮންނަ ނިޒާމެއްގައި އުފެދޭނީ ހުސް ރަސްކަލުންނެވެ. ބާރުތައް ޖަމާވެފައިވާ އެކަކެވެ. އެ މީހާ ވެރިކަން ކުރާނީ އެ މީހާ ބޭނުންވާ ގޮތަށެވެ. ބަދަލުވާން ޖެހެނީ މިހާރު އޮތް ވެރިކަމުގެ ނިޒާމެވެ. ރިޔާސީ ބާރުތައް ހަނިވާންވީއެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ މުޅި ދައުލަތްކަމަށް ވެގެން ވެރިކަން ކުރަން ގާނޫނުން ތަން ނުދޭންވީއެވެ.

ވެރިކަމަށް އަންނަ މީހާއަށް ވުރެ ވެރިކަން ހިންގާ ނިޒާމު ވަރުގަދަވާން ޖެހެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0