ޚަބަރު

އަމާންދޯދި 13 ޓަވަރަކުން 460 ޓަނުގެ ކުނި ނަގައިފި

10 ފެބްރުވަރީ 2026 - 17:38
އަމާންދޯދި 13 ޓަވަރަކުން 460 ޓަނުގެ ކުނި ނަގައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އަމާންދޯދި މަޝްރޫއުގެ 13 ޓަވަރެއްގެ ތިރިއަށް އަޅާފައި ހުރި ގިނަ އަދަދެއްގެ ކުނި އެ ކޯޕަރޭޝަނާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ނަގައި ސާފުކޮށްފިއެވެ.

އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އެ ސަރަހައްދުތަކުން ޖުމްލަ 460 ޓަނުގެ ކުނި ވަނީ ނަގާފައެވެ. މިއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުންޏެވެ. މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގެ އާންމު ސަރަހައްދުތައް މިހާރު ވަނީ އެއްކޮށް ސާފުކޮށްފައެވެ.

މި ހަރަކާތަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށްގެންދާ 4000 ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ ދަށުން، މީހުން ދިރިއުޅެން ފަށާފައިވާ ޓަވަރުތަކުގައި ސާފުތާހިރު ވެއްޓެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ތެރޭގައި އެކި ބާވަތުގެ ކުނި ޓަވަރުތަކުގެ ތިރީގައި ޖަމާވެފައި ހުރުމުން އާންމުންނަށް ދިމާވާ ދަތިތަކަށް މިކަމުގެ ސަބަބުން ހައްލެއް ލިބިގެންދާނެއެވެ.

އެފްޑީސީން ވަނީ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުނި އުކާލުމުގައި އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. އަދި ސާފުތާހިރު މުޖުތަމައެއް ބިނާކުރުމަށްޓަކައި ހުރިހާ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ބޭނުންވާކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0