އެއް އަހަރަށްވުރެ ދުވަސްވީ މައްސަލަތައް ނިންމުމަށް އުފައްދާ ޚާއްސަ ޓާސްކްފޯސް އެކުލަވާލައިފި
ރާއްޖޭގެ ކޯޓުތަކުގައި ނުނިމި އެއް އަހަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ޚާއްޞަ ޓާސްކް ފޯސްއެއް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މިއަދު އެކުލަވާލައްވައި، އެ ޓާސްކް ފޯސްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިފިއެވެ.
މި ޓާސްކް ފޯސް އެކުލަވާލާފައިވަނީ ކޯޓުތަކުގައި ހުރި ބެކްލޮގް މައްސަލަތަކަށް އަވަސް އިންސާފެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ އަހަރު ނިމުނުއިރު، އެއް އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވާ 13,032 މައްސަލަ ރާއްޖޭގެ ކޯޓުތަކުގައި ބެކްލޮގުގެ ގޮތުގައި ރެކޯޑްކުރެވިފައިވެއެވެ. މި މައްސަލަތަކުގެ އިންސާފު އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ މަސައްކަތް އިންތިޒާމު ކުރުމަކީ މި ޓާސްކް ފޯސްގެ އެންމެ މުހިންމު އެއް ޒިންމާއެވެ.
މި ޓާސްކް ފޯސް އެކުލެވިގެންވަނީ އެކި މަރުހަލާތަކުގެ ކޯޓުތަކުން ތަމްސީލްވާގޮތަށް ޖުމްލަ 9 މެންބަރުންގެ މައްޗަށެވެ. މި ޓާސްކް ފޯހުގެ މައިގަނޑު މަޤްޞަދަކީ، ނުނިމިހުރި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިދާރީ ގޮތުން ހައްލު ހޯދައިދީ، މައްސަލަތައް އަވަހަށް ނިންމުމަށް މަގު ފަހިކޮށްދިނުމެވެ.
ކޯޓުތަކުގައި ނުނިމި ދިގުލައިގެން ގޮސްފައިވާ 13,000 އަށް ވުރެ ގިނަ މައްސަލަ އެބަހުރި ކަމަށާއި އެ މައްސަލަތައް ނިންމުމަށް ޓާސްކްފޯހެއް އެކުލަވާލަން ނިންމާފައިވާ ކަން އުއްތަމަ ފަނޑިޔާރު އިޢުލާން ކުރެއްވީ މިއަހަރުގެ ގަޟާއީ އަހަރު ފެށުމުގެ ޖަލްސާގައެވެ.






ރިއެކްޓް