ޚަބަރު

ދައުރު ދަންމަން ސަރުކާރުން ކުރާ މަސައްކަތަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

10 ފެބްރުވަރީ 2026 - 14:11
ދައުރު ދަންމަން ސަރުކާރުން ކުރާ މަސައްކަތަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ސަރުކާރުން ގާނޫނު އަސާސީ ބަދަލު ކޮށްގެން ރިޔާސީ ދައުރު ދަންމާލަން ކުރާ މަސައްކަތަށް ރައްޔިތުންގެ ނޫނެކޭ ބުނަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ ދައުރު ކުރުކޮށްލާ, ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އަސާސީ ބަދަލުކުރުމަށް އަވަސް އަރުވާލައިގެން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. 

މިކަމާ ގުޅިގެން ފައްޔާޒް "އެކްސް" ގައި ވިދާޅުވީ ގާނޫނުއަސާސީއަށް ސަރުކާރުން ބަދަލު ގެންނަން ހުށަހަޅަނީ ހަރަދު ކުޑަކުރުމަކަށް ނޫންކަމަށާއި މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއިދު ނެތުމުން ދެވަނަ ދައުރެއް ވަލު ދޮރާށިން ހޯދުމަށް ގެންނަ ބަދަލެއް ކަމަށެވެ. 

"ސަރުކާރުގެ މި ހީލަތްތެރި ރޭވުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ. ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ހުދުމުހުތާރު ސަރުކާރަށް ދީގެން ވާކަށްނެތް. އަޅުގަނޑުމެން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް." ފައްޔާޒް ވިދާޅުވިއެވެ. 

ފައްޔާޒް ވިދާޅުވީ މިހާރު ރާއްޖެއަށް ބޭނުންވަނީ ޕާޓީއަށް ބާރުތައް ދީ ވަރުގަދަ ކުރާނެ ބާރުތަކެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރެވޭނެ ބަދަލުތަކެއް ކަމަށެވެ. 

"މިވަގުތު ރާއްޖޭގައި އޮތް ނިޒާމުން ޑިމޮކްރަޓިކް ހަރަކާތުގެ އުންމީދުތައް ފުރިހަމައަަށް ހާސިލުނުކޮށްދެވޭ ކަމާއި އަނިޔާވެރި ވެރިންގެ ކިބައިން ރައްޔިތުންނަށް ހިމާޔަތް ހޯދައިނުދެވޭއިރު ރައީސް މުއިއްޒު އެދިގެން މި ގެންނަ ބަދަލުތަކަކީ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް ފަހިކޮށްދޭ ބަދަލުތަކެއް," ފައްޔާޒް ވިދާޅުވެފައިވެއެވެ. 

މި ކަމުގައި ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތަށް ވިސްނައިގެން ކުރިއަށް ދާން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0