ސަރުކާރުން ހުށަހެޅި ގޮތަށް ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އަސާސީ ބަދަލުކުރަން ފާސްކޮށްފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނު އަސާސީ އިސްލާހު ކުރަން ފާސްކުރީ މަޖިލިސް ރައީސްގެ ވޯޓު ހިމެނޭހެން 72 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އައްޑޫ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވޯޓު ދެއްވިއިރު, އެމްޑީޕީ ބައެއް މެންބަރުން ތަޅުމުން ނެރެފައިވާތީ އެ ޕާޓީގެ މެންބަރުން ވޯޓުގައި ބައިވެރިނުވެއެވެ.
އަވަސް އަރުވާލައިގެން ބިލް ފާސްކުރިއިރު, އިއްޔެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ބިލް ފާސްކުރީ ފަސް މިނެޓުންނެވެ.
މި މައްސަލާގައި ކޮމިޓީން ވަނީ ބަންޑާރަ ނައިބާއި، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ވެސް ހޯދައިފައެވެ. ސަރުކާރު ހިންގާ ޕާޓީއާއި ބަންޑާރަ ނައިބުގެ އިތުރުން ސަރުކާރުގެ ނުފޫޒު އޮންނަ އީސީން ވެސް ވަނީ މިކަމަށް ތާއީދުކޮށްފައެވެ. އެހެނިހެން ޕާޓީތަކުން ވަނީ އަވަސް އަރުވާލައިގެން މި ކަން ނުކުރުމަށް ކޮމިޓީގައި އެދިފައެވެ.
ބިލުގައިވާ ގޮތުން މި ގޮތަށް ބަދަލުކުރުމާއެކު 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުވެގެން ދާނެއެވެ.
ސަރުކާރުން މަސައްކަތް ކުރަނީ މި ކަމަށްޓަކައި ނަގަން ޖެހޭ ހިޔާލު ހޯދުމުގެ ވޯޓު އަންނަ އޭޕްރިލް މަހުގެ 6 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ އެކު ނެގުމަށެވެ. އެގޮތަށް ނަގާނަމަ ބިލް މި މަހުގެ 18 ގެ ކުރިން ފާސްކުރަން ޖެހެއެވެ.






ރިއެކްޓް