ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ކޮމިޓީން ފާސްކޮށްފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ފެންނަ ކަމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ މި ހިނގާ ދައުރު ކުރުކޮށްލާ، ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ.
ފަސް މިނެޓަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބިލު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ.
މި މައްސަލާގައި ކޮމިޓީން ވަނީ ބަންޑާރަ ނައިބާއި، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ވެސް ހޯދައިފައެވެ. ސަރުކާރު ހިންގާ ޕާޓީއާއި ބަންޑާރަ ނައިބުގެ އިތުރުން ސަރުކާރުގެ ނުފޫޒު އޮންނަ އީސީން ވެސް ވަނީ މިކަމަށް ތާއީދުކޮށްފައެވެ. އެހެނިހެން ޕާޓީތަކުން ވަނީ އަވަސް އަރުވާލައިގެން މި ކަން ނުކުރުމަށް ކޮމިޓީގައި އެދިފައެވެ.
ބިލުގައިވާ ގޮތުން މި ގޮތަށް ބަދަލުކުރުމާއެކު 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުވެގެން ދާނެއެވެ.
ސަރުކާރުން މަސައްކަތް ކުރަނީ މި ކަމަށްޓަކައި ނަގަން ޖެހޭ ހިޔާލު ހޯދުމުގެ ވޯޓު އަންނަ އޭޕްރިލް މަހުގެ 6 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ އެކު ނެގުމަށެވެ. އެގޮތަށް ނަގާނަމަ ބިލް މި މަހުގެ 18 ގެ ކުރިން ފާސްކުރަން ޖެހެއެވެ.






ރިއެކްޓް