ކުޅިވަރު

މެންސް އޭޝިއާ ކަޕް: ނެޓްބޯޅަ ފިރިހެން ޓީމު ލޯ މެޑަލް ހޯދައިފި

8 ފެބްރުވަރީ 2026 - 15:31
މެންސް އޭޝިއާ ކަޕް: ނެޓްބޯޅަ ފިރިހެން ޓީމު ލޯ މެޑަލް ހޯދައިފި

މެންސް އޭޝިއާ ކަޕް 2026 ގައި ގައުމީ ފިރިހެން ނެޓުބޯޅަ ޓީމު ލޯ މެޑަލް ހޯދައިފި އެވެ. މިއީ ގައުމީ ފިރިހެން ނެޓުބޯޅަ ޓީމެއް ބައިނަލްއަގްވާމީ މެޑަލެއް ހޯދި ފުރަތަމަ ފަހަރެވެ.

ހޮންގްކޮންގްގައި ކުރިއަށްދާ މި މުބާރާތުގެ ތިންވަނަ ރާއްޖެއިން ޔަގީންކުރީ މިއަދު ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ޖަޕާން 28-21 ޕޮއިންޓުން ބަލިކޮށްގެންނެވެ. މުބާރާތުގެ ލީގު ބުރުގައިވެސް ރާއްޖެއިން ވަނީ 24-18 އިން ޖަޕާން ބަލިކޮށްފަ އެވެ. ނަމަވެސް މުބާރާތުގައި ދެން ބައިވެރިވި ދެ ގައުމު ކަމަށްވާ މެލޭޝިއާ އަދި ހޮންގްކޮންގް އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

ހަތަރު ގައުމު ބައިވެރިވި މި މުބާރާތަށް މުޅިން އަލަށް ރާއްޖޭގެ ފިރިހެން ނެޓުބޯޅަ ޓީމެއް ބައިވެރިވިއިރު، އެހެން ގައުމުތަކުގެ ކުޅުން އެއްވެސް ވަރަކަށް ނޭގޭކަން ރާއްޖެ ޓީމުގެ ކުޅުންތެރިންވަނީ ބުނެފަ އެވެ. އަދި މީގެ އިތުރުން މުޅިން އަލަށް މުބާރާތެއްގައި، އިންޑޯ އެރީނާއެއްގައި ކުޅޭ އިރު އެ ވަރުގެ ޓްރެއިނިންގްއެއް ނުލިބި ދިއުމުގެ ސަބަބުން އުނދަގޫވާނެކަން ފާހަގަކުރި އެވެ.

ގައުމީ ނެޓުބޯޅަ ޓީމު ރާއްޖެ އަންނާނީ މާދަމާ ރޭ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0