ސިޔާސީ

ރިސޯޓު ވިޔަފާރިއަށް ސަރުކާރުން ވަނުމަކީ ގެއްލުން ބޮޑު ބިރުވެރި ސިޔާސަތެއް: އަމީރު

5 ފެބްރުވަރީ 2026 - 15:47
ރިސޯޓު ވިޔަފާރިއަށް ސަރުކާރުން ވަނުމަކީ ގެއްލުން ބޮޑު ބިރުވެރި ސިޔާސަތެއް: އަމީރު

ރިސޯޓު ވިޔަފާރިއަށް ސަރުކާރުން ވަދެ 10 ރިސޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ފޫނުބެދޭނެ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވާނެ ބިރުވެރި ސިޔާސަތެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބަޔާނަކަށްވުރެ ބޮޑަށް ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ ކަމަށެވެ. އަދި މި ބަޔާނުން އެނގިގެން ދިޔައީ ކުރިޔަށް ހުރި އަހަރުތަކުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލަކަށް ވެގެން ދިޔައީ މި ސިނާއަތުގައި ސަރުކާރުގެ ސީދާ ބައިވެރިވުން ނެތުމުން ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ މުޅި ފޯކަސް ހުރީ ހުރިހާ ވިޔަފާރިތަކަށް ސީދާ ވަނުމަށް ކަމަށާއި، މިއީ ގެއްލުން ބޮޑުވާނެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރެއްގެ މަސްއޫލިއްޔަތަކީ ރެގިއުލޭޓްކުރުން. ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުން. ވިޔަފާރިތައް ކުރިއެރުވުމަށް ކެޕިޓަލް ރެއިޒްކުރެވޭނެ ނިޒާމެއް ގާއިމްކުރުން. އަމިއްލަ ވިޔަފާރިތައް އިނދަޖައްސާލާ، ހުރިހާ ވިޔަފާރިއެއް ސަރުކާރުން ކުރުމެއް ނޫން،" އަމީރު ވިދާޅުވިއެވެ.

އަމީރުގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ ސަރުކާރުން ސީދާ ގޮތެއްގައި ވިޔަފާރީގެ ތެރެއަށް ވަދެ، އަމިއްލަ ފަރާތްތަކަށް އޮތް ފުރުސަތުތައް ހަނިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0