ޚަބަރު

އިޓްލޮސްގެ ނިންމުން ބޮލާލައި ޖަހައި، މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ

5 ފެބްރުވަރީ 2026 - 10:54
އިޓްލޮސްގެ ނިންމުން ބޮލާލައި ޖަހައި، މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރީގެ ސަރުކާރުން މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނު އޮންނަ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާއްޖެ އަށް ގެއްލުނު ބައި ހޯދުމަކީ މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދެވެ.

އެ ވައުދުގައި އަމަލީ ކުލައެއް ނުޖެހި އޮތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ, ޓްލޮސްއިން މައްސަލަ ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ކަމަށާއި އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ބައެއް ކަމަށެވެ. 

މި މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން ދިރާސާކުރި ކަންކަމަށް ބަލައި, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ, ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަނެއް އެކުަލަވާލަން ނިންމާފައިވާ ކަމަށެވެ. 

މީގެ އިތުރުން ޗާގޯސް ރާއްޖެއަށް ހޯދުމުގެ މަސައްކަތް ފަށައި, ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0