2.4 ބިލިއަނަކީ ފައިސާ ޗާޕުކުރުމުގެ ފެށުން، ބާކީ ހުރި 20 ބިލިއަންވެސް ޗާޕުކުރާނެ: ޑރ. ޝަމްހީދު
ޕެންޝަން އޮފީހުން ދައުލަތުގެ ސެކިއުރިޓީތަކުގައި އިންވެސްޓުކޮށްފައި ހުރި ހުރިހާ ފައިސާއެއް ޗާޕުކުރާނެ ކަމަށާއި، މިފަހަރު ޗާޕުކުރަން އުޅޭ 2.4 ބިލިއަން ރުފިޔާއަކީ އަދި ޗާޕުކުރުމުގެ ފެށުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު ވިދާޅުވީ ސަރުކާރުގެ ސެކިއުރިޓީސްތަކުގައި ޕެންޝަން އޮފީހުން ޖުމްލަ 22 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޗާޕުކުރަން ނިންމާފައިވާ 2.4 ބިލިއަން ރުފިޔާގެ އިތުރަށް، ބާކީ ހުރި އިންވެސްޓުކޮށްފައިވާ ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ޕެންޝަން އޮފީހަށް ދީފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕެންޝަން އޮފީހުގެ އިސް ބޭފުޅުން އިސްތިއުފާ ދެއްވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޝަމްހީދު ވިދާޅުވީ، އިތުރަށް ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ނުދިނުމަކީ އެ ބޭފުޅުން މަގާމުން ވަކިވެވަޑައިގަތް އެއް ސަބަބު ކަމަށެވެ. މިއީ ރައްޔިތުންގެ މުސްތަގުބަލަށް ރައްކާކުރެވިފައިވާ ފައިސާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސަރުކާރުގެ މި ނިންމުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ އެންމެ ބޮޑު އެއް ވައުދުފުޅާ ހިލާފުވެފައިވާ ކަމަށް ޝަމްހީދު ތުހުމަތުކުރެއްވިއެވެ. ނިމިދިޔަ ދެ ރިޔާސީ ބަޔާނުގައިވެސް ފައިސާ ޗާޕުނުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް، މިހާރު ފެންނަނީ އެ ވައުދާ ހިލާފުވަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިގުތިސޯދީ އަދި މާލީ އެހެން ކަންކަމަށް ބެލި ނަމަވެސް މި ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ދައުލަތުގެ މާލީ ހާލަތު ބެލެހެއްޓުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގުތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.






ރިއެކްޓް