ސިޔާސީ

ޕީއެންސީ ސަރުކާރުން އިގްތިސާދީ އަނދަވަޅަކަށްް ރާއްޖެ ވައްޓާލީ ސަލާމަތް ކުރެވެން އޮއްވާ: އަމީރު

3 ފެބްރުވަރީ 2026 - 14:28
ޕީއެންސީ ސަރުކާރުން އިގްތިސާދީ އަނދަވަޅަކަށްް ރާއްޖެ ވައްޓާލީ ސަލާމަތް ކުރެވެން އޮއްވާ: އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު -- ފޮޓޯ: ވިރާސީ

ޕީއެންސީ ސަރުކާރުން ރާއްޖެ އިގްތިސާދީ ކާރިސާއަކަށް ވައްޓާލީ ސަލާމަތްވެވެން އޮއްވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ މިހާރުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަމީރު ތުހުމަތު ކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރުން ދަރަނި ބެލެހެއްޓުމުގައި ގެންގުޅޭ ފަރުވާކުޑަ ސިޔާސަތުތަކާއި ސިޔާސީ ނިންމުންތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދު ވަނީ ސަލާމަތް ކުރެވެން ނެތް ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައެވެ. ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ، މާލީ ހާލަތު ގޯސްވަމުން ދިޔައިރުވެސް، ސަރުކާރުން ވަނީ މާލީ އަދަބުވެރިކަމުގެ އަސާސީ އުސޫލުތައް ދޫކޮށްލާފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރުގެ ވަޒީރުކަމުގެ ދައުރަށް އަލިއަޅުވާލައްވަމުން އަމީރު ވިދާޅުވީ، ކޮވިޑް-19 ގެ ދަތި ހާލަތުގައިވެސް، 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" މުއްދަތު ހަމަވުމުގެ އަހަރެއްހާ ދުވަސް ކުރިން އޭގެ ތެރެއިން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އަނބުރާ ދައްކައި، ދަރަނި މެނޭޖުކުރުމުގައި އިސްނަގާފައިވާނެ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުން ފަސްކުރުމަކީ ބޮޑު ކާރިސާއަކަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބައިވެރިން އެކަހެރިކޮށް، ފިނޭންސް މިނިސްޓްރީ ބަލިކަށިކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ތަޖުރިބާކާރު ފަންނީ މުވައްޒަފުން ސިޔާސީ ސަބަބުތަކަށްޓަކައި ވަކިކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން މުއައްސަސާގެ ގާބިލްކަން އެންމެ ބޭނުންވި ވަގުތު ގެއްލިގެން ގޮސްފައިވާ ކަމަށް އަމީރުގެ ޕޯސްޓުގައި ތުހުމަތު ކުރެއްވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ޕެންޝަން އޮފީހުގެ ފައިސާ ސަރުކާރުގެ އޮޕަރޭޝަންތަކަށް ބޭނުންކުރުމަށް ނިންމި ނިންމުމަށްވެސް އަމީރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސުކޫކްގެ މުއްދަތު ހަމަވަމުންދާ ދަނޑިވަޅެއްގައި މިއީ ނުރައްކާތެރި ފިޔަވަޅެއް ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރުގެ އިތުރަށް ވިދާޅުވީ، ދެފުށް ފެންނަ ގޮތަށް ކަންކަން ނުކުރުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު މުޅިން ގެއްލިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0