ކައުންސިލް އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަން އިތުރަށް 20 މިލިއަން ބޭނުންވޭ!
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށް ބޭއްވުމުގެ ހިޔާލު ހޯދުމުގެ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބާއެކު ކުރިއަށް ގެންދާނަމަ އިތުރަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭގޮތުން ލަފާ ހޯދުމަށް އިލެކްޝަންސް ކޮމިޝަނާއެކު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އީސީގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ, ވޯޓު ކަރުދާސް ޗާޕުކުރުމަށާއި، އޮފިޝަލުން އިތުރަށް ނަގައި އެލަވަންސް ދިނުމުގެ އިތުރުން ވޯޓަށް އިތުރު ފޮށިތައް ރަށްރަށަށް ފޮނުވަން އިތުރު ހަރަދުތައް ހިނގާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިތުރަށް ވިއްސަކަށް މިލިއަން ރުފިޔާއިން ދެ އިންތިހާބު އެކުގައި ކުރިއަށް ގެންދެވޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
ޒާހިދު ވިދާޅުވި ގޮތުގައި ހިޔާލު ހޯދުމުގެ ވޯޓު ވަކިން ބާއްވާނަމަ 60 މިލިއަން ރުފިޔާއާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެގެން ދާނެއެވެ.
މަޖިލީހުން ބިލް ފާސްކުރުމާއެކު ހިޔާލު ހޯދުމުގެ ވޯޓަށް ކޮމިޝަނުން އޮތީ ތައްޔަރަށް ކަމަށާއި ބިލު ފާސްކުރުމާއެކު މަސައްކަތް ފަށާނެ ކަން ފާހަގަކޮށް ޒާހިދު ވިދާޅުވީ ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ލިބޭނީ އެންމެ ލަސްވެގެން މި މަހުގެ 18 ގައި ބިިލް ފާސްކވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.






ރިއެކްޓް