ޚަބަރު

މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހާލައިގެން ބޭއްވުމަށް މާރިޔާ ގޮވާލައިފި

2 ފެބްރުވަރީ 2026 - 12:03
މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހާލައިގެން ބޭއްވުމަށް މާރިޔާ ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކި ފަހަރުމަތިން ބާއްވާ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ދައުރު ބަލިކަށިވެފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ގާތްގާތުގައި ނުވަތަ އެކުއެކީގައި ބޭއްވުމުގެ ސަބަބުން، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް މުޅި ދައުރަށް ބާރުތައް މުށުތެރެއަށްލައި، މަޖިލީހުގެ ފާރަވެރިވުން އެއްފަރާތްކުރުމަށް ފުރުޞަތު ލިބިގެންދާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ އަސާސަށް ބުރޫއަރާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މާރިޔާ ހުށަހެޅުއްވި ހިޔާލުގައި ވަނީ ރިޔާސީ ދައުރުގެ މެދުތެރެއިން، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މަޖިލީހުގެ ދެބައިކުޅަ އެއްބައި ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށެވެ. އެގޮތުން މިގޮތަށް ފުރަތަމަ އިންތިޚާބުކުރާ މެންބަރުންގެ ދައުރަކީ ދެ އަހަރާއި ބައި ކަމަށް ކަނޑައަޅައި، ބާކީ ހުރި ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރާނީ ރިޔާސީ އިންތިޚާބާ އެކު ފަސް އަހަރުގެ ދައުރަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ނިޒާމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުން އަލުން އިއާދަވެ، ދައުރުގެ މެދުތެރެއިން ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތް ރަމްޒުވެގެންދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މިއީ ދައުލަތުގެ ބާރުތައް އެކިއެކި މުއައްސަސާތަކުގެ މެދުގައި ހަމަހަމަކޮށް ހިފެހެއްޓުމަށް ލިބޭ ބާރެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ޑިމޮކްރަސީ ރައްކާތެރިކުރުމަށްޓަކައި މިކަމާ މެދު އާންމުން ބަހުސްކޮށް، އެންމެން ގުޅިގެން ވަކާލާތު ކުރުމަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0