ޗާގޯސް ލިބިއްޖެނަމަ އެމެރިކާއަށް ވާގިވެރިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ޗާގޯސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެނަމަ އެމެރިކާއަށް ވާގިވެރިވާން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗާގޯސް ބޭނުންވާ ކަން ތަކުރާރުކޮށް ހާމަކޮށްފައިވާ މުއިއްޒު، އެމެރިކާގެ 'ނިއުސްވީކް' މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ މިލްކުވެރިކަމުގެ ދަށުގައި ޗާގޯސް އޮތްއިރު، އެ ގައުމާއި އެމެރިކާއާ ދެމެދުގައި އޮންނަ ސަލާމަތީ އަދި ދިފާއީ އެކި އެއްބަސްވުންތަކުގެ ދަށުން، ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކާ އެކު ވެސް ޑިއޭގޯ ގާސިއާ ބޭސް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
ހަމަ އެގޮތަށް, ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެނަމަ, އެމެރިކާގެ 'ނޭވަލް ސަޕޯޓް ފެސިލިޓީ ޑިއޭގޯ ގާސިއާ' ބޭސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ފަހިކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށް މީގެ ކުރިން ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު މުއިއްޒު ވަނީ އެކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ވެސް ސިޓީއެއް ފޮނުއްވައިފައެވެ.






ރިއެކްޓް