ސިޔާސީ

މެންބަރު ސިނާނުގެ ގޮނޑި ގެއްލޭ މައްސަލަ: ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމުގެ ސާފު ހެއްކެއް

1 ފެބްރުވަރީ 2026 - 08:05
މެންބަރު ސިނާނުގެ ގޮނޑި ގެއްލޭ މައްސަލަ: ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމުގެ ސާފު ހެއްކެއް

ކޯޓުތަކަށް އަތް ނުބާނާނެކަމަށް އެތައް ތަނެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވައި, ފޮތްްތަކުގައި ލިޔެ ޗާޕުކޮށް އެވާހަކަ ދިވެހިރައްޔިތުންގެ ސިކުނޑީގައި ބިންވަޅުނެގުވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްްރެސް (ޕީއެންސީ) އިން ކުރަމުންދާ މަސައްކަތަކީ އޮޅުވާލުމާއި މަކަރުން ފުރިގެންވާ ކަމެއްކަން އެންމެ ފުރިހަމައަށް ދަލީލުކޮށްދޭ ކަމަކީ ރައްްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުމާމެދު ގޮތެއް ނިންމުމަށް ސުޕްރީމްކޯޓުގައި ފަށާފައިވާ މައްސަލައެވެ.

ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވިތާ 6 މަސް ފާއިތުވެގެން ގޮސްފައިވާއިރު މި މައްސަލާގައި މިހާރު ބާކީ އޮތީ ހުކުމް ކުރުން އެކަންޏެވެ.

ޕީއެންސީ ސަރުކާރުގެ ވެރިކަން ފެށުނު ފަހުން ސުޕްރީމްކޯޓުގެ ބެންޗަށް ގިނަ ބަދަލުތަކެއް ގެނެސް "ޕީއެންސީގެ ރުހުމާއި ލޯބި ލިބިފައިވާ" އަދި ސަރުކާރުގެ ވެރިންގެ އަމުރަށް ތަބާވާނެފަދަ މީހުނން ވަނީ ސުޕްރީމްކޯޓަށް އައްޔަންކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ލިބިފައިވާ ސުޕަމެޖޯރިޓީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފުރިހަމަ ކޮންޓްރޯލް ޕީއެންސީން ވަނީ ކަށަވަރުކޮށްފައެވެ.

ޕީއެންސީގެ ނުފޫޒު މިހާބޮޑަށް ޖުޑީޝަރީއަށް ވަދެ ވަކިހިއްްޕާލާފައިވާއިރުވެސް, ސިނާނުގެ ގޮނޑި ސަލާމަތްްކުރެވޭނެ ކަމާމެދިު ގާނޫނީ މާހިރުން ވަނީ ސުވާލު އުފައްދާފައެވެ. ރާއްޖޭގެ ބައެއް ފުންނާބު އުސް ގާނޫނީ މާހިރުން ސޯޝަލްމީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު މެންބަރު ސިނާނުގެ މައްސަލަ ޕާކުކޮށްފައި އޮތުމުގެ އެންމެ ބޮޑު ސަބަބަކީވެސް އެ މައްްސަލަ ސިނާނުއާއި ދެކޮޅަށް ނިންމަން ޖެހުމެވެ. އަދި އެފަދަ ހާލަތެއްގައި ހިތަދޫ އުތުރުދާއިރާގެ ބައިއިލެކްޝަނެއް ބޭއްވިޔަސް އެ ގޮނޑި އަލުން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން ޕީއެންސީއަށް ނެތުމެވެ.

ސިނާނުގެ ގޮނޑި ގެއްްލޭނެތޯ ނުވަތަ ނޫންތޯ އެއީ އެތައް ބަޔަކު ޝައުޤުވެރިކަމާއެކު ކުރަމުންދާ ސުވާލެކެވެ. އަދި ހަމަ އެހެންމެ މި ސުވާލުގެ ހަގީގީ ޖަވާބު ދިނުމަށް ސުޕްރީމްކޯޓު ފަސްޖެހިފައި އޮތް ސަބަބާމެދު އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރެއްގެ ގޮނޑީގެ މައްސަލަ ހުކުމާއި ހަމައަށް ގޮސް ސުޕްރީމްކޯޓުގައި ނުނިމި އޮތުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ. ދައުލަތުގެ ހުރިހާ ބާރެއްހެން އަތްދަށުކޮށްފައިވާ ޕީއެންސީން ދުސްތޫރީ ނިޒާމުގެ ބާރު ކަނޑުވާލައި ޚުދުމުހުތާރުކަން އިސްކޮށްފައިވާކަމުގެ ސާފު ހެއްްކެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0