ޚަބަރު

އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ގައްދޫ ހެލްތް ސެންޓަރުން އިހުމާލުވީ މައްސަލައެއް

31 ޖަނަވަރީ 2026 - 19:11
އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ގައްދޫ ހެލްތް ސެންޓަރުން އިހުމާލުވީ މައްސަލައެއް
ގައްދޫ ހެލްތް ސެންޓަރާއި އެންބިއުލާންސް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ގައްދޫ ހެލްތް ސެންޓަރު

ގދ. ގައްދޫގައި ރޭގެ ވަގުތެއްްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވީ ޒުވާނަކަށް ފަރުވާދިނުން ލަސްވުމުގައި ގައްދޫ ހެލްތް ސެންޓަރުން އިހުމާލުވީ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ގައްދޫ ރިންގް ރޯޑުގައި ހިނގި އެކްސިޑެންޓުގައި އެ ޒުވާނާއަށް ވަނީ ސީރިއަށް އަނިޔާތަކެއް ލިބިފައެވެ. ޒުވާނާގެ ގާތް މީހަކު މަޢުލޫމާތުދިން ގޮތުގައި ޒުވާނާގެ ބޯފަޅައިގެންގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.

މި ޒުވާނާއަށް ފަރުވާ ދިނުމަށް ހެލްތްް ސެންޓަރަށް ގެންދިއުން ވަރަށް ބޮޑަށް ލަސްވި ކަމަށާއި ހެލްތް ސެންޓަރަށް ގެންދިއުމަށް އެންބިއުލާންސް ގޮސްފައިނުވާކަން އެ ސަރަހައްދުގައި ތިބި ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

"ތިން އެންބިއުލާންސް އޮވޭ. ދުއްވާނެ މީހަކު ނެތިގެން އެ ޚިދުމަތް ނުދެވުނު. އެންމެ ފަހުން އެކުއްޖާ ގެންދިޔައީ ޕޮލިހުންގެ ވެހިކަލެއްގައި" އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި މީހަކު "ވިރާސީ" އަށް މައުލޫމާތުދެއްވިއެވެ. "ވިރާސީ" އަށް މަޢުލޫމާތު ލިބޭ ގޮތުގައި ގައްދޫ ހެލްތް ސެންޓަރުގައި 3 އެންބިއުލާންސް އޮވެއެވެ. ނަމަވެސް ރޭގެ ހާދިސާ ދިމާވި ގަޑީގައި ގައްދޫގައި ހުރީ އެންމެ އެންބިއުލާންސް ޑްރައިވަރެކެވެ. އަނެއް ޑްރައިވަރު ހުރީ ޗުއްޓީގައި މާލޭގައެވެ.

އެންބިއުލާންސްގެ ޚިދުމަތް ނުދެވުނު ސަބަބު ހޯދުމަށް ހެލްތް ސެންޓަރު ހިންގުމާއި ހަވާލުވެހުންނެވި އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރ އާގިސާ މަންސޫރަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއްްް ނުވެއެވެ. 

އަނިޔާވި ޒުވާނާއަށް މިހާރު މާލޭ އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، ގައްދޫއިން އެ ޒުވާނާއަށް އިތުރު ފަރުވާއަށް ފުރުވާލެވުނު އިރު މިއަދު ފަތިހު 4 ޖަހައިފި ކަމަށް މަޢުލޫމާތު ލިބެއެވެ. ޒުވާނާގެ އާއިލާއިން މާޢުލޫމާތު ދިން ގޮތުގައި އިތުރު ފަރުވާއަށް ފުރުވާލުމަށް ސީއެންބިއުލާންސް ގެންނަން ޖެހުނީ ތިނަދޫ ސިޓީއިންނެވެ.

"ގައްދޫގައި އޮވޭ ސީއެންބިއުލާންސެއް. އެވެސް ދުއްވާނެ މީހަކު ނެތް. ސީއެންބިއުލާންސް ގެނައީ ތިނަދޫއިން. ފުރުވާލެވުނު އިރު ފަތިހު 4 ޖަހައިފި. ތިނަދޫ ހޮސްޕިޓަލަށް ގެންދެވުނުއިރު އިރުއަރައިފި" މަޢުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1