ބައިކިލޯ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުން ކުރިއަށްގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އިބްރާހީމް ޢަމްރު ތައުފީޤު (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 500 ގުރާމް (ބައި ކިލޯ) ގެ ތަކެތި ފެނިފައިވެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުނު ކާމިޔާބީއެކެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަމްރު ތައުފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ފަސްދުވަސް ވަނީ އިތުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.






ރިއެކްޓް