ހުރިހާ މެޗަކުން މޮޅުވެ ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފި
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރާއްޖެއިން ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފި އެވެ. ރާއްޖެ ތަށި އުފުލާލީ މިއަދު ހަވީރު ކުޅުނު ފަހު މެޗުގައި ސްރީ ލަންކާގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ރާއްޖެއިންނެވެ. ފުރަތަމަ ހާފުގައި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ލަނޑެއް ޖަހާ ރާއްޖެއަށް ލީޑު ހޯދަދިން ނަމަވެސް ލަންކާއިން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެއަށް އަލުން ލީޑު ހޯދައިދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.
ދެވަނަ ހާފު ފަށައިގެން ލަންކާއިން އަނެއްކާވެސް ވަނީ ލަނޑެއްޖަހާ އެއްވަރުކޮށްފަ އެވެ. ނަމަވެސް ކުޅުން ރަނގަޅުކޮށް ރާއްޖެއިން ވަނީ އިތުރު ތިން ލަނޑު ޖަހާފަ އެވެ. ލަންކާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އެއް ލަނޑު ބައިކޮޅަށް ވަތް އިރު އަނެއް ދެ ލަނޑު ޖަހައިދިނީ ހުސެއިން ސުހެއިލް (ސޮކޭ) އަދި އިންމި އެވެ. އިންމި ވަނީ މި މުބާރާތުގައި ޖުމްލަ 9 ލަނޑު ޖަހާފަ އެވެ.
މުބާރާތުގެ ފަހު މެޗު ނިންމުމަށްފަހު ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖެވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާފަ އެވެ.






ރިއެކްޓް