ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގައި، ތިން ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކްފޯސް އިން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ކެފޭ އަދި ޓޭކްއަވޭގެ ހިދުމަތް ދެމުންދިޔަ ބައެއް ތަންތަނެވެ. މި ތަންތަނުން އަތުލައިގަތް ތިން ބިދޭސީންނަކީ ވެސް ގަވާއިދާ ޚިލާފަށް އެ މަސައްކަތުގައި އުޅެމުންދިޔަ ފަރާތްތަކެއް ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މިގޮތަށް ބެލުމުގެ ދަށަށް ގެންނަ ފަރާތްތައް ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހާއްސަ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން، މާލޭގެ އާންމު ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މޮނިޓަރުކުރުމަށްޓަކައި އިމިގްރޭޝަންގެ އޮފިސަރުން މިހާރު ދަނީ އޮބްޒާވޭޝަން މަސައްކަތްތައް ވެސް ކުރަމުންނެވެ.






ރިއެކްޓް