ބާކީކޮށް އެކަހެރިކޮށްލި ކުޅިވަރުގެ "ބަތަލުން" ދެއްކި ހިތްވަރަށް ސާބަސް!
ހަނދާނަށް އަންނަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލެވެ. ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމުގައި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ތާރީހު ލިޔެލީ ސަރަހައްދީ ގަދަ ބާރު އިންޑީއާ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ވަގުތު ހަމަވާން އެންމެ ތިން މިނެޓު އޮއްވާ ރާއްޖޭގެ މުޚުތާރު ނަސީރު އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ކަނަށް ވަނުމާއިއެކު ދިވެހިރާއްޖޭގެ ކުޅިވަރުގެ އާ ސަފުހާއެއް ލިޔެވުނެވެ. ދިވެހިންގެ ލެޔާ ގުޅިފައިވާ ކުޅިވަރު ކަމަށްވާ ފުޓްބޯޅައިގެ ބޮޑު އީދެއް ފެށުނެވެ. ސިޔާސީ ހަލަބޮލިކަން އެއްފަރާތްކޮށް، ދިވެހި ހުރިހާ ރައްޔިތުން މަގުތަކަށް ނިކުމެ އުފާފާޅުކުރި އެވެ. ބޯ ވާރޭގެ ތެރޭގައި ނިކުމެ މުޅި މާލޭ ރަތް ކުލައިން ފަވާލިއެވެ. ކުޅިވަރުން ގައުމީ ހަމަޖެހުމާއި އެއްބައިވަންތަކަން ގެނެވޭނެކަން ސާބިތުކޮށްދިނެވެ.
އޭގެ ފަހުން 18 އަހަރުވީ އެވެ. ފުޓްބޯޅައަށް އޭރު އޮތް ލޯބި މިހާރު އެބައޮތޭ ބުނެވޭކަށް ނެތެވެ. އިދާރީ ހިންގުންތައް ބޮއްސުންލައިގެން ގޮސް 100 މީޓަރު ދިގުމިނުގެ ދަނޑުތަކުން ދިވެހިންގެ ގިނަ ބައެއްގެ ޝައުގުވެރިކަން 40 މީޓަރަށް ކުޑަވެއްޖެއެވެ.
ފުޓުބޯޅައިން ފުޓްސަލްއަށް
ފުޓްބޯޅައަށް އޮތް ލޯބި "ފަނޑު"ވެ ފުޓްސަލްއަށް ދިވެހިންގެ ހިތް ބަދަލުވާން ފެށީ 2013 ހިސާބުގަ އެވެ. އޭރުގެ ރައީސް އަބްދުالله ޔާމީނުގެ ވެރިކަމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ފުޓްސަލް ދަނޑުތައް އަޅަންފަށައި، ގިނަ ރަށްތަކަކަށް ފުޓްސަލް ތަޢާރަފްވި ހިސާބުންނެވެ. މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގެ މުބާރާތްތައް ބާއްވައި މިދިޔަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހަމައެކަނި ފުޓްސަލް ކުޅެގެން އާމްދަނީ ހޯދާ ކުޅުންތެރިންވެސް އިތުރުވެއްޖެ އެވެ. ފުރަތަމަ ޑިވިޝަނުން ފެނުނު ހުނަރުވެރި ކުޅުންތެރިން ފުޓްސަލް ކުޅެން އެއްކޮށް ހުސްވެ، ފުޓުބޯޅަ ކުޅުން އެއްކޮށް ހުއްޓާލައިފި އެވެ.
"ފުޓްސަލް ކުޅެނީ މިހާރު ރާއްޖޭގަ އެންމެ ކުރިއަރައިފައިވާ އެއްޗަކަށްވާތީ. އަދި ބޮޑު ފުޓްބޯޅަ ކުޅުމަށްވުރެ ފުޓްސަލް ކުޅޭހިތްވާތީ." ރާއްޖޭގަ މިހާރު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) 'ވިރާސީ' އިން ކޮށްލި ސުވާލަކަށް ޖަވާބުދެމުން ބުންޏެވެ. މީގެ އިތުރުން ފުޓްސަލް ކުޅެގެން ލިބޭ އާމްދަނީވެސް މާ ރަނގަޅުކަމަށް އަޔާ ފާހަގަކުރި އެވެ.
ރާއްޖެ ހުރިހާ ހިސާބެއްގައިވެސް މި ކުޅިވަރުގެ ފޯރި ގަދަވެ، މުބާރާތްތަށް ގިނަވެ، ފުޓްސަލްއަށް ގިނަ ބައެއްގެ ލޯތްބާއި ސަމާލުކަން ލިބުނު ނަމަވެސް މީގެ ކުރިން މި ކުޅިވަރުގެ ބެލެނިވެރި ފަރާތްކަމަށްވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ (އެފްއޭއެމް)އިން 'ހޭ' ވެސް އަހާނުލަ އެވެ. ދުނިޔޭގެ ފުޓްބޯޅަ އިދާރާ އާއި އޭޝިއާގެ ފުޓްބޯޅަ އިދާރާއިން ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމަށް ފައިސާ ދިން ނަމަވެސް ދިވެހިރާއްޖޭގެ ފުޓްސަލްއަށް މިކަމުގެން ހެޔޮ އަސަރެއް ނުކުރިއެވެ. ކައުންސިލްތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން އެތައް ލައްކަ ހަރަދުކޮށްގެން ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނައިރުވެސް ބެލެނިވެރި ފަރާތުން ކުޅުންތެރިންގެ ކުރިއެރުމަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ބައެއް ރަށް ރަށުގައި ފުޓްސަލް ރެފްރީން ތަމްރީންކުރުން ފިޔަވައި އެފްއޭއެމުން ފުޓްސަލްއަށް ކޮށްދިން ކަމެއް ނެތެވެ.
އެފްއޭއެމްގެ ހިންގުން ބަދަލުވެ މިހާރުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) މި އިދާރާއާ ހަވާލުވެ، މިހާރު ތައިލެންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ފިރިހެން ޓީމްގެ ކުޅުންތެރިންނަށް ތަމްރީން ކޭމްޕެއް ހަމަޖައްސައިދިނެވެ. އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ޤައުމީ ފުޓްސަލް ޓީމް އޭޝިއާ ފެންވަރުގައި ވާދަކުރީ އެކަށީގެންވާ ތަމްރީންތަކެއްވެސް ނުކުރެވިއެވެ.
އިންޑޯގެ އަވާމެންދުރު ދައްކާތާ އެތައް އަހަރެއް!
"ގިނަ ޒުވާނުންތަކެއް މި ކުޅިވަރުގައި ޝާމިލުވާތީ ފުޓްސަލް އޮންނަނީ ސިޔާސީ ގޮތުން 'ކާޑަކަށް' ވެފައި" މިއީ ފުޓްސަލްގައި ހަރަކާތްތެރިވާ ކޯޗެއް ފުޓްސަލްގެ ހާތަލު ސިފަކުރަމުން ބުނި ވާހަކަކެވެ.
ދެ ސަރުކާރު ނިމިގެން ދިޔައީ ފުޓްސަލް އިންޑޯ އެރީނާއެއްގެ އަވާމެންދުރުއްގަ އެވެ. އެންމެ ފަހުން ނިމުނު އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ "އަޅުގަނޑު އުއްމީދުކުރަނީ ހަމަ މި ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް ރާއްޖޭގައި އޮންނާނެ ކަމަށް. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ،" މި އިބާރާތުން ބުނެފައިވެސްވެ އެވެ.
އެމްޑީޕީ ސަރުކާރު ނިމި އާ ވެރިކަމެއްގެ އިރުއެރީ 2024ގެ ނޮވެމްބަރު މަހުގައެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނުވަތަ 'ހަފްތާ 14' ގެ ތެރޭގައި ފުޓްސަލް އިންޑޯ ކޮމްޕްލެކްސްއެއް އެޅުމުގެ 'މަސައްކަތް ފެށުން' ހިމެނުނެވެ. 2025ގެ ފެބުރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި ބޮޑު ރަސްމިއްޔާތެއް ބާއްވައި، ފުޓްސަލް އިންޑޯ ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިންވެސް ހަވާލުކުރިއެވެ. މިހާރު އޭގެ ފަހުން އަހަރެއްވީއެވެ. އެ ބުނާ އިންޑޯ ކޮމްޕްލެކްސްގެ އަޅާ ބިމަށްވެސް ވީގޮތެއް ނޭނގެއެވެ. އެ ކޮމްޕްލެކްސްވެސް މިވީ އިބިލީހުގެ ހުވަފެނަށް ބާވައެވެ.
ކުރީގެ ގައުމީ ފުޓްސަލް ޓީމުގެ ވައިސް ކެޕްޓަން އިސްމާއިލް ފާތިހު (ތާޑޭ)ގެ ނަޒަރުގައި ސަރުކާރުތަކުން ބަލަނީ ފުޓްސަލްއަށްވުރެ ބޮޑަށް ބޮޑު ފުޓުބޯޅަ ކުރިއެރުވޭތޯ އެވެ.
"އިންޑޯ ޓްރެއިނިންގް ކޭމްޕެއްވެސް ލިބުނީ އަލަށް. ކުރިން އެފްއޭއެމުންވެސް އެއްވެސް ސަމާލުކަމެއްނުދޭ ފުޓްސަލްއަށް. ކޮންމެ ވެރިއެއްވެސް އިންތިހާބުން ވޯޓު ބޭނުންވީމަ އައިސް ބުނާނެ ގެރެންޓީއޭ އިންޑޯ އަޅާދޭނަމޭ." ފުޓްސަލް ކުޅޭތާ 17 އަހަރުވެފައިވާ ތާޑޭ ފާހަގަކުރި އެވެ.
ތެދެކެވެ. ފުޓްސަލް މުބާރާތްތަކުގެ ނިމުމުގެ ރަސްމިއްޔާތުތަކުގައި ސަރުކާރުގެ އިސްވެރިން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ އިންޑޯ އެރީނާއެއްގެ ވާހަކަ އެވެ. ނުވަތަ އިންޑޯ ކޮމްޕްލެކްސްއެއްގެ ވާހަކައެވެ. މި ސަރުކާރު އައި ފަހުން ބޭއްވި ބޮޑު ފުޓްސަލް މުބާރާތްތަކުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން މިވާހަކަ ނުދައްކާ ފަހަރެއް ނުދެ އެވެ.
ފުޓްސަލް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކުރި ރާއްޖޭގެ ޓީމްގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ވެސް އެންމެ ގިނައިން މުބާރާތުގެ ތެރެއިން އިންޓަވިއުތަކުގައި ފާހަގަކުރީ އިންޑޯ ފުޓްސަލް ޕިޗެއްގެ މުހިންމުކަމުގެ ވާހަކަ އެވެ.
އަޅާނުލާ ދޫކޮށްލީ ހުނަރުވެރި، ހިތްވަރުގަދަ ބަތަލުންތަކެއް!
ރާއްޖޭގެ ފިރިހެން އަދި ފުޓްސަލް އަންހެން ޓީމު ބައިނަލްއަގްވާމީ މުބާރާތެއް ކުޅޭ ކޮންމެ ފަހަރަކު ފަހަކާ ޖެހެންދެން ވަރަށް ގިނަ ބަޔެއްގެ ޖެއްސުމާ ކުރިމަތިލާންޖެހެ އެވެ. ފުޓްސަލްގެ ގަދަ ބާރުތަކާ ދެކޮޅަށް ކުޅެ ގިނަ މެޗުތަކަކުން މީގެ ކުރިން ބަލިވާ ކޮންމެ ފަހަރަކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. ގައުމީ އިދާރާ އާއި ސަރުކާރުންވެސް މި ކުޅިވަރަށް ދެވިފައި އޮތް އިސްކަން ކުޑަކަން ހާމަވެގެންދެ އެވެ.
އަދި މީގެ ކުރިން ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމެއް އޮންނަކަން ދަންނަ އަދި މުބާރާތެއް ކުޅޭކަން ދަންނަ ވެރިންނެއްވެސް ނުފެނެ އެވެ. ނަމަވެސް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތައްޓާއިއެކު ގައުމީ ޓީމުގެ ކުޅުންތެރިން އެ ދިނީ ވަރުގަދަ މެސެޖެކެވެ. މުޅި ކުޅިވަރުގެ އާއިލާ އާއި ސަރުކާރުންވެސް އެ ކުޅުންތެރިންނަށް ތައުރީފްކުރުވަން މަޖުބޫރުކޮށްފި އެވެ. ފުޓްސަލް ބާކީކޮށްލާފައި ބާއްވާން ނުޖެހޭކަން ސާބިތުކޮށްދިނެވެ.
ސާފް ސަރަހައްދުގެ ހުރިހާ ވާދަވެރި ޓީމްތަކުގެ ކޯޗުންވެސް ދައްކަނީ ދިވެހިރާއްޖޭގެ ކުޅުންތެރިންގެ ހުނަރުވެރިކަމުގެ ވާހަކަ އެވެ. ދިވެހިރާއްޖެ ޓީމެއްގެ ގޮތުގައި ވަރުގަދަ ވާހަކަ އެވެ. ކުޅުންތެރިން ދައްކާ ހިތްވަރުގެ ވާހަކަ އެވެ.
މި ހިތްވަރު މިދިޔަ 10 އަހަރު ދުވަހު ފުޓްސަލް ކުރިއަރުވަން ދިވެހިރާއްޖެއަށް ދެއްކުނުނަމައޭ މިހާރު ހިތަށް އަރަ އެވެ. ސާފް ސަރަހައްދުގެ ކާމިޔާބަށްވުރެ ބޮޑު ކާމިޔާބީއެއް ދިވެހިރާއްޖެއިން ހޯދީހެވެ.
ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ފަހުރުވެރި ރަން މެޑަލް ހޯދާ ސާބިތުކޮށްދިނީ އިހުމާލާއި ބޭއިންސާފުގެ ތެރެއިންވެސް އެ ކުޅުންތެރިންގެ ހުނަރުވެރިކަމެވެ. ފުޓްސަލް ކުޅޭނެ ރަނގަޅު ވަސީލަތްތައް ނެތި މިކާމިޔާބީ މި ފަހަރު ހޯދިނަމަވެސް، ކުޅުންތެރިންނާއި މުޅި ފުޓްސަލްގެ އާއިލާއިން އަދިވެސް އެދެނީ އެންމެކަމެކެވެ. މިފަހަރު ހުވަފެން ނުދައްކައި، އަޅައިދޭނެކަމަށް އެ ބުނާ ފުޓްސަލް އިންޑޯ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކަށެވެ. ދިވެހިރާއްޖޭގެ ފުޓްސަލްގެ އާއިލާއިން މިދިޔަ 15 ވަރަކަށް އަހަރުވި ގުރުބާނީގެ އަގު އަދާކުރެވޭނީ އޭރުންނެވެ.






ރިއެކްޓް