ލޯކަލް ކައުންސިލް އެމްޑީޕީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފި
މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އެ ޕާޓީން މިއަދު ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މި އިންތިޚާބަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ފޯރިގަދަ އިންތިޚާބެކެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވީ އާދަމް އާޒިމް އެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ 1,411 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އަލީ އާޒިމަށް ލިބިވަޑައިގަތީ 962 ވޯޓެވެ. މީގެ އިތުރުން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސަކަށް ހޮވުނީ 1,305 ވޯޓާއެކު އާއިޝަތު ރީޝާ އެވެ. އޭނާއާ ވާދަކުރި ރީސާ އަހްމަދަށް ލިބުނީ 919 ވޯޓެވެ.
ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ސައުދު އަލީ އެވެ. ސައުދު މި ގޮނޑި ކާމިޔާބުކުރެއްވީ އަހްމަދު ނަސީރާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ. ހަމައެއާއެކު، ތިނަދޫ ސިޓީގެ ޑަބްލިއުޑީސީ ރައީސްގެ ޕްރައިމަރީ މަރްޔަމް ޝަރޫނާ ވަނީ ކާމިޔާބުކުރައްވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ އާދިލާ މުހައްމަދާ ވާދަކޮށްގެންނެވެ.
މިއަދު އިޢުލާންކުރި ނަތީޖާތަކުގެ ތެރޭގައި، ވޯޓު އެއްވަރުވުމުގެ ސަބަބުން އަލުން ބޭއްވި ބ. ފެހެންދޫ ޕްރައިމަރީގެ ދާއިމީ ނަތީޖާވެސް ވަނީ ހިމަނާފައެވެ. އެމްޑީޕީން ބުނެފައިވަނީ ދާއިމީ ނަތީޖާ އިޢުލާންކުރުމާއެކު، ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ.






ރިއެކްޓް