ޚަބަރު

ރޯދަމަހަށް ޚާއްސަ ވަގުތީ މާރުކޭޓެއް ގާއިމްކުރަނީ

21 ޖަނަވަރީ 2026 - 18:25
ރޯދަމަހަށް ޚާއްސަ ވަގުތީ މާރުކޭޓެއް ގާއިމްކުރަނީ

ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ފަށައިފިއެވެ. 

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މާރުކޭޓަކީ ރޯދަ މަހަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށް މާލެ އަންނަ ދަތުރުވެރިންނަށް ޚާއްސަކޮށްގެން ހިންގާ މާރުކޭޓެކެވެ. މީގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު ބާޒާރެއް ހޯދައިދިނުމާއި، އާންމުންނަށް ތާޒާ ތަކެތި ހެޔޮ އަގުގައި ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކުމުގެ ފުރުސަތު މިހާރު ވަނީ އަތޮޅުތަކުގެ ދަނޑުވެރި ރަށްރަށަށް ހުޅުވާލާފައެވެ. އެގޮތުން، މިކަމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން ވުޒާރާއަށް ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ ފެބްރުއަރީ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެންނެވެ. މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. "ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި، އިމްޕޯޓްކޮށްފައިވާ އެއްވެސް ބާވަތެއް މި މާރުކޭޓުގައި ވިއްކުމަކީ މަނާކަމެއް،" އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މާރުކޭޓުގެ އުސޫލުތައް ހަރުދަނާކުރުމުގެ ގޮތުން ގޮޅިތަކުގައި ތަކެތި ވިއްކުމަށް ބިދޭސީން ބޭތިއްބުމަކީ މަނާކަމެއް ކަމަށްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. މި ފިޔަވަޅަކީ ދިވެހި ދަނޑުވެރިންނަށް ސީދާ މަންފާ ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި މަޝްރޫއަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0