ސާފް ފުޓްސަލް: އިންޑިއާވެސް ބަލިކޮށް ރާއްޖެއިން ޗެމްޕިއަންކަމާ ގާތަށް
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން ޑިވިޝަންގައި މިއަދު އިންޑިއާ 5-0 އިން ބަލިކޮށް ރާއްޖެއިން މުބާރާތް ކާމިޔާބު ކުރުމާއި ގާތަށް ޖެހިލައިފި އެވެ.
މިއަދު އިރުއޮއްސުނުއިރު ކުޅުނު މި މެޗުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ހާފު ރާއްޖެއިން ނިންމާލީ އެއް ގޯލުގެ ލީޑުގައި އޮވެގެންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) ގެ ފަރާތުން މި ހާފުގައި އަދި ޖުމްލަކޮށް މުޅި މެޗުގައިވަނީ މުހިންމު ސޭވްތަކެއް ފެނިގެންގޮސްފަ އެވެ.
ދެވަނަ ހާފު ފަށައިގެން ފުލުފުލުގައި ރާއްޖެއިންވަނީ ދެ ލަނޑު ޖަހާފަ އެވެ. މި ލަނޑުތަށް ޖަހައިދިނީ އަބްދުالله ޝާފިއު (ޝާއްޕެ) އާއި އަލީ ޝަމާލް އަބްދުالله (ޝަންމު) އެވެ. މި ގޯލަށްފަހު އިންޑިއާއިން ވަނީ ޕަވަޕްލޭ ބޭނުންކުރަން ފަށާފަ އެވެ. ނަމަވެސް އިންޑިއާއިން ޕަވަޕްލޭގައި ހެދުނު މިސްޓޭކެއްގެ ފައިދާ ނަގާ އިންމި ވަނީ ރާއްޖޭގެ ހަތަރު ވަނަ ލަނޑު ޖަހައިދީފަ އެވެ. އެއާއެކު އިންމި ވަނީ ކޮންމެ މެޗެއްގައި ދެ ލަނޑު ޖަހާ މުޅި މުބާރާތުގައި ޖުމްލަ ހަ ލަނޑު ހަމަކޮށްފަ އެވެ. ރާއްޖޭގެ ފަހު ލަނޑު ޖަހައިދިނީ އަހުމަދު ހަމީދު (އަންމަޑޭ) އެވެ.
މުބާރާތުގައި ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އަދި ލީގު ތާވަލު އެއްވަނައިގައި ރާއްޖެ މިހާރު އޮތީ ދެވަނައިގައި އޮތް ޕާކިސްތާނަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ދެން ރާއްޖެ ކުޅޭ މެޗުން މޮޅުވެ، ޕާކިސްތާން ދެން ކުޅޭ މެޗުން ބަލިވާ ހާލަތެއްގައި ރާއްޖެއަށް ލީގު ކަށަވަރުކުރަން ފަސޭހަ ވާނެ އެވެ.
މި މުބާރާތުގައު ރާއްޖެ ދެން ބައްދަލުކުރާނީ ނޭޕާލާ އެވެ. އެއީ އަންނަ ބުރާސްފަތި ދުވަހު އެވެ.






ރިއެކްޓް