ބޯހިޔާވަހިކަމުގެ ބޮޑު ބަޖެޓުން ހަރަދުކުރީ 11 ޕަސެންޓް، ނަތީޖާ ސުމެއް!
ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ގެނައުމަށް ފާސްކުރި ބަޖެޓުން, ބޯހިޔާވަހިކަމަށް ހަރަދުކުރީ އެންމެ 11 ޕަސެންޓް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށް ނަން ދިން އިރު, އެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމުލަ 1.8 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަހަރު ނިމި އާންމުކުރި ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި ބޯހިޔާވަހިކަމުގެ ބަޖެޓުން ބޯހިޔާވަހިކަމަށް ޚާއްސަކުރި 1.8 ބިލިއަން ރުފިޔާއިން ޚަރަދުކުރީ އެންމެ 204.5 މިލިއަން ރުފިޔާއެވެ. ބަޖެޓުގެ 89 ޕަސެންޓް އޮތީ ބޭނުން ނުކޮށެވެ.
ބޯހިޔާވަހިކަމުގެ ބަޖެޓުން ރަށެއްގައި ގާބުރިއެއް ވެސް ނުބޭއްވޭ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަމުން އަންނައިރު, ސަރުކާރުން 2025 ވަނަ އަހަރުގެ ބަޖެޓު ސިފަކުރީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ގެންނާނެ ބަޖެޓެއްގެ ގޮތުގައެވެ.
"މިއީ (2025ގެ ބަޖެޓަކީ) ގެދޮރުވެރިކަމުގެ، ބޯހިޔާވަހިކަމުގެ ބަޖެޓެއް. އަޅުގަނޑު ބޭނުންވަނީ ސަރުކާރުގެ ޕްރަޔޮރިޓީތައް މި ތަރުތީބުން ޕްރަޔޮރިޓައިޒް ކުރަން. ގެދޮރުވެރިކަން އެންމެ މަތީގައި، ދެގޮތެއް ނުވެ، ސުވާލެއް ނެތް ސިޔާސަތެއް އެއީ،" 5 ނޮވެމްބަރު 2024ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތަފާތު އެކި ޕޯޑިއަމްތަކުގައި ރައީސް މުއިއްޒު ވަނީ 2025 ވަނަ އަހަރުގެ ބަޖެޓް ތަންފީޒުވެގެންދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަށް ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.






ރިއެކްޓް