ޕީއެންސީ ޓިކެޓު ދިނުމަކީ ޖަލީލްގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު!
ޕީއެންސީގެ މާލޭ މޭޔަރު ކަމުގެ ޓިކެޓު ޕްރައިމަރީއަކާ ނުލާ ލިބުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު ރޭ ވިދާޅުވެއްޖެއެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮން މަނިކު ސްކައިވިއު ރެސްޓޯރަންޓުގެ ތިރީގައި މޫސާ އަލީ ޖަލީލުގެ ކެމްޕެއިނު އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ, މޭޔަރު ކަމަށް ވާދަކުރުމަށް ޕީއެންސީން "އިހުތިޔާރުކުރާ" ކެންޑިޑޭޓަކަށް އޭނާ ވުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ.
"މި ޝަރަފު އަޅުގަނޑަށް ދެއްވީތީ, އަދި އަޅުގަނޑަށް އިތުބާރު ކުރައްވާ ގައުމީ މި އަގުހުރި ހިދުމަތް އަޅުގަނޑާ މަތިކުރެއްވީތީ އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ ޕާޓީގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރުން," އޭނާ ވިދާޅުވިއެވެ.
ޖަލީލު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތް އިންފާރެއްގެ ގޮތުގައި ބައްލަވައިގެން ކަމަށާއި ވަކި ކުލައަކަށް ތަފާތުކުރުމެއް ނެތި މަސައްކަތް ކުރާނެ ރައްޔިތުންގެ ހާދިމަކަށް ވާނެ ކަމަށެވެ.






ރިއެކްޓް