ސިޔާސީ

ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކޮށްފި

17 ޖަނަވަރީ 2026 - 15:11
ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ، އިންތިޚާބާބެހޭ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަނުން ޤާއިމުކޮށްފިއެވެ.

އިންތިޚާބުތަކާ ގުޅިގެން މިފަދަ ބިއުރޯއެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅޭނެ މަގު ފަހިކޮށްދިނުމާއި، ހުށަހަޅާ މައްސަލަތައް އަވަސް ނިޒާމެއްގެ ތެރެއިން ބަލައި ހައްލު ހޯދައިދިނުމެވެ.

ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބިއުރޯގެ އީމެއިލް [email protected]މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ ކައުންޓަރުތަކުންނެވެ. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަނުގެ ވެބްސައިޓުންނާއި، އިންތިޚާބާބެހޭ މަރުކަޒުގެ އިތުރުން ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ސިޓީ، އަތޮޅު، ރަށު އަދި އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުތަކުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓުތަކުން ވެސް ފޯމު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޝަކުވާ ބަލައިގަންނަ ކައުންޓަރުތައް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށް ކައުންޓަރުގެ ޚިދުމަތް ލިބޭނެއެވެ.

އިންތިޚާބު ބާއްވާ ތާރީޚު ކަމަށްވާ 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު، ވޯޓުލާން ފެށުނީއްސުރެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް މެދުނުކެނޑި ޝަކުވާ ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0