ސިޔާސީ , ޚަބަރު

ވާދަވެރި އިންތިޚާބަކަށްފަހު ގައްދޫގެ ރައީސް ޓިކެޓު އިލްހާމަށް!

17 ޖަނަވަރީ 2026 - 16:25
ވާދަވެރި އިންތިޚާބަކަށްފަހު ގައްދޫގެ ރައީސް ޓިކެޓު އިލްހާމަށް!

އިއްޔެ ބޭއްވުނު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އެންމެ ފޯރިގަދަ ކެމްޕޭނެއް ކުރެވުނު ގައްދޫ ކައުންސިލްގެ ރައީސް ކަމުގެ ޓިކެޓް އިލްހާމް ރަޝީދު ކަށަވަރުކޮށްފި އެވެ.

އިލްހާމް އިންތިހާބު ކާމިޔާބުކުރީ ވާދަވެރި ކެންޑިޑޭޓް އަހުމަދު އާތިފަށްވުރެ އިތުރަށް 7 ވޯޓު ހޯދަައިގެންނެވެ.

ގައްދޫއަކީ އެމްޑީޕީ ޕްރައިމަރީއަށް އެންމެ ގިނަ މެމްބަރުން ޕާޓީއަށް އަލަށް ގުޅުނު ރަށެވެ. ގައްދޫއިން 300 އެއްހާ މީހުންވަނީ ޕްރައިމަރީގައި ވޯޓުލުމަށް އެމްޑީޕީއާ ގުޅިފަ އެވެ. އަދި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 653 މީހުންގެ ތެރެއިން 512 މީހުންވަނީ އިއްޔެ ވޯޓުލާފަ އެވެ.

އިލްހާމް އިންތިހާބު ކާމިޔާބުކުރެއްވުމުން އާތިފް ވަނީ އިލްހާމް އަށް މަރުހަބާ ކިޔައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެކުގައި މަަސައްކަތް ކުރައްވާނެކަމަށް އިއުލާންކުރައްވާފަ އެވެ.

މި އިންތިހާބަކީ ނިސްބަތުން ވަރަށް ގިނަ އަދަދެއްގެ މެންބަރުން ވޯޓުލާން ނުކުތް އިންތިހާބެކެވެ. އެގޮތުން ގައްދޫ ދާއިރާއަކީ މި ފަހަރުގެ ޕްރައިމަރީގައި އެންމެ ގިނަ މެންބަރުން ވޯޓުލާން ނުކުތް އެއް ދާއިރާއަށް ވާއިރު، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 78 އިންސައްތަ މީހުން ވަނީ ވޯޓުލާން ނުކުމެފަ އެވެ.

ކައުންސިލްގެ ރައީސްގެ އިތުރުން، ގައްދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ވެސް އިއްޔެ ވަނީ ހޮވާފަ އެވެ. ކައުންސިލް މެންބަރު ކަމަށް 3 ކެނޑިޑޭޓުން ވާދަކުރިއިރު، އިންތިހާބު ކާމިޔާބުކޮށް ޓިކެޓް ކަށަވަރުކުރީ ހުސައިން މޫސާ އަދި އަހުމަދު ހަސަން އެވެ.

މި އިންތިހާބުގެ ނަތީޖާއާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގައްދޫ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ޓީމު މިހާރު ވަނީ އެކުލަވާލެވިފަ އެވެ. ގައްދޫ ދާއިރާގައި އެމްޑީޕީގެ ސަޕޯޓަރުންގެ ފޯރި ގަދަކަން މި އިންތިހާބުން ވަނީ ހާމަވެގެން ގޮސްފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1