ސާފް ފުޓްސަލް: ބަންގްލަދޭޝް އަތުން މޮޅުވެ ރާއްޖެ އެއްވަނައިގައި ހަމަޖެހިލައިފި
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ. އިއްޔެ އިރުއޮއްސުނުއިރު ކުޅުނު މި މެޗުގައި ރާއްޖެ ވަނީ 6-1 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
ހުއަ މަކް އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ 4 ލަނޑު ޖަހާފަ އެވެ. މެޗު ފަށައިގެން އިރުކޮޅެއްތެރޭ ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. އޭގެ މާ ގިނައިރުތަކެއް ނުވަނީސް އިޝާން އިބްރާހިމް (ސައްޓު) ވަނީ ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ. ފުރަތަމަ ހާފުގައި އަނެއް ދެ ލަނޑު ޖަހައިދިނީ ރާހިލް ރަޝީދު (ރާއްކޮ) އަދި އަލީ ޝިޔާހު (ޝިޔާ) އެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީވެސް ރާއްކޮ އެވެ. ބަންގްލަދޭޝްއިން ޕަވަޕްލޭއަށް ކުރިއަށްޖެހިގެން ކުޅެނިކޮށް ލިބުނު ފުރުސަތެއްގައި ރާއްޖޭގެ 6 ވަނަ ލަނޑު ޖަހައިދިނީ އަބްދުالله ޝާފިއު (ޝާއްޕެ) އެވެ.
ބަންގްލަދޭޝްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކާޒީ އިބްރާހިމް އެވެ.
މި މުބާރާތުގައި ރާއްޖެ ދެން ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެއީ އަންނަ ހޯމަ ދުވަހުއެވެ. ލީގު އެއްވަނައިގައި ރާއްޖެ އޮތީ ދެ މެޗުން ލިބުނު 6 ޕޮއިންޓާ އެކު 11 ގޯލުގެ ތަފާތަކުންނެވެ.






ރިއެކްޓް