ސާފް ފުޓްސަލް: ނޭޕާލް އަތުން އަންހެން ޓީމު ބަލިވެއްޖެ
ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ އަންހެން ޓީމު ނޭޕާލް އަތުން 5-0 އިން ބަލިވެއްޖެ އެވެ.
ހުއަ މަކް ސްޓޭޑިއަމް އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގައި ރާއްޖެއަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ޖުމްލަކޮށް މުޅި ޓީމުގެ ފަރާތުން ވަނީ ކުރީ މެޗަށްވުރެ ރަނގަޅު ކުޅުމެއް ފެނިފަ އެވެ.
ފުރަތަމަ ހާފުގައި ނޭޕާލުން ވަނީ 4 ލަނޑު ޖާހާފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި ރާއްޖޭގެ ގޯލްކީޕަރު ސައުޝަން ވަނީ ނޭޕާލް ޓީމުގެ ގިނަ ހަމަލާތަކެއް ހުއްޓުވާފަ އެވެ. އެގޮތުން ދެވަނަ ހާފުގައި ނޭޕާލަށް ޖެހުނީ އެންމެ ގޯލެކެވެ.
އަންހެން ގައުމީ ޓީމު މުބާރާތަށް ދިޔައިރު އިންޑޯގައި އެއްވެސް ޕްރެކްޓިހެއްކޮށްފައި ނުވެ އެވެ. ޓީމުގެ ކެޕްޓަން ފާތިމަތު ސާލިޔާވެސް ވަނީ އިންޑޯ ޕިޗަށް ހޭނެން އަދި ދުވަސް ނަގާނެކަން ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ އަންހެން ޓީމު ދެން ނިކުންނާނީ އަންނަ ހޮނިހިރު ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ.






ރިއެކްޓް