ޚަބަރު

މޯލްޑިވްސް 2.0 ތަންފީޒުކުރުމަށް އެންސީއައިޓީ އުވާލައި ޑިޖިޓަލް ސަރވިސް އުފައްދައިފި

15 ޖަނަވަރީ 2026 - 19:31
މޯލްޑިވްސް 2.0 ތަންފީޒުކުރުމަށް އެންސީއައިޓީ އުވާލައި ޑިޖިޓަލް ސަރވިސް އުފައްދައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި އާ އިދާރާއެއް އުފައްދަވައި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) މިއަދު އުވާލައްވައިފިއެވެ.

މިކަން އިޢުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

އަލަށް އުފެއްދެވި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

މި އިދާރާ އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ "ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރުގެ ދަށުން އެކުލަވާލާފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން"މަގުޗާޓު ތަންފީޒުކުރުމެވެ. މި މަގުޗާޓަކީ 2025 ސެޕްޓެންބަރު 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރައްވައި، ތަންފީޒުކުރުމަށް ނިންމަވާފައިވާ ކަންކަމެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއެވެ. މީގެ އިތުރުން، މިއަދާ ހަމައަށް އެންސީއައިޓީން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް ދެން ކުރިއަށް ގެންދާނީވެސް މި އާ އިދާރާގެ ދަށުންނެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސްއަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީތަކުގައި ބޭނުންކުރައްވާނެ ރަސްމީ ނަންބަރަކީ 1137 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0