ޚަބަރު

ނެޝަނަލް ސަރވިސްގެ ފަންނީ ތަމްރީނަށް 66 ޒުވާނުން ފުރައިފި

15 ޖަނަވަރީ 2026 - 16:30
ނެޝަނަލް ސަރވިސްގެ ފަންނީ ތަމްރީނަށް 66 ޒުވާނުން ފުރައިފި

ދިވެހި ވަތަނީ ހިދުމަތް ނުވަތަ ރާއްޖޭގެ ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން، ހިދުމަތުގެ ފަންނީ ތަމްރީނު ފުރިހަމަ ކުރުމަށްޓަކައި 66 ޒުވާނުން މިއަދު ފުރައިފިއެވެ.

މި ޒުވާނުން ތަމްރީނު ހޯދުމަށް ހަމަޖެހިފައިވަނީ ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީން މަރުކަޒުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޒުވާނުންނަށް ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު މަސް ދުވަހުގެ މުއްދަތަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ރައްޔިތެއް ބިނާކުރުމެވެ. މިއަދު ފުރި 66 ޒުވާނުންނަކީ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ މަސައްކަތަށް އަހުލުވެރި، އަހްލާގް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް ރައީސް މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެއްޓެވި މަޝްރޫއެކެވެ. މި ޕްރޮގްރާމްގެ ދަށުން އަހަރަކު 1,000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މި ޕްރޮގްރާމް ތައާރަފްކުރި ފަހުން މިދިޔަ އަހަރު ތަމްރީންތަކަށް 343 މީހުން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްގެ ޒަރީއާއިން ގައުމިއްޔަތަށް ލޯބިކުރާ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0