އިޓަލީއާއި ޕޮލެންޑުގެ ރައްޔިތުންވެސް އިރާނުން ފޭބުމަށް އަންގައިފި
އީރާނުގެ ސަލާމަތީ މަސްރަހު ހަލުވިކަމާއެކު ގޯސްވަމުންދާތީ، އެ ގައުމުގައި ތިބި ޕޮލެންޑާއި އިޓަލީގެ ރައްޔިތުން ވަގުތުން އެ ގައުމުން ފޭބުމަށް އެ ދެ ގައުމުގެ ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
އީރާނުގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ފެތުރެމުންދާއިރު، ގިނަ ގައުމުތަކުން މިފަދަ އިންޒާރުތަކެއް ދީފައިވަނީ، މުޒާހަރާތައް ވަރުގަދަވެ ސަރަހައްދީ ނުތަނަވަސްކަން އިތުރުވަމުންދާތީ، އެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާ މެދު އޮތް ކަންބޮޑުވުންތައް ބޮޑުވުމާ ގުޅިގެންނެވެ.
ޕޮލެންޑުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، އީރާނުގެ ދާހިލީ މަސްރަހު އެއްދުވަހުން އަނެއްދުވަހަށް ނާމާންވަމުންދާތީ، އެއްވެސް ބޭނުމަކު އެ ގައުމަށް ދަތުރުނުކުރުމަށް މިހާރު ވަނީ އަންގާފަ އެވެ. ހަމައެއާއެކު، އިޓަލީން ވެސް ވަނީ އެ ގައުމުގެ ރައްޔިތުންނަށް މިފަދަ އެންގުމެއް އަންގާފަ އެވެ. އެގޮތުން، ވައިގެ މަގުން އާންމު ދަތުރުފަތުރުގެ ފުރުސަތުތައް އޮތްވަގުތު އީރާނުން ފޭބުމަށް ބާރުއަޅައި، މަސްރަހު އިތުރަށް ގޯސްވެއްޖެ ނަމަ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ގައުމުން ވަނީ ދީފަ އެވެ.
މީގެ އިތުރުން، ޖަރުމަނާއި ސްޕެއިން ފަދަ ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ވަނީ އީރާނަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގާ އިންޒާރުތައް އާކޮށްފަ އެވެ. އަދި އިންޑިއާއިންވެސް ވަނީ އެ ގައުމުގެ ރައްޔިތުން އިރާނުން ފޭބުމަށް އެދިފަ އެވެ.
މި ގައުމުތަކުން ފާހަގަކޮށްފައިވާ ގޮތުގައި، އީރާނުގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ފުޅާ މުޒާހަރާތަކާއި، ސަލާމަތީ ބާރުތަކުން ހިންގާ ހަރަކާތްތަކުގެ އިތުރުން، ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކަށް އަންނަ ބުރޫތަކުގެ ސަބަބުން ރައްކާތެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.






ރިއެކްޓް