ޚަބަރު , ދުނިޔެ

އިރާނުގައި ތިބި އިންޑިއާ ރައްޔިތުން އެގައުމުން ދިއުމަށް އިލްތިމާސްކޮށްފި

14 ޖަނަވަރީ 2026 - 16:54
އިރާނުގައި ތިބި އިންޑިއާ ރައްޔިތުން އެގައުމުން ދިއުމަށް އިލްތިމާސްކޮށްފި
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ

އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ވަރުގަދަވެ، އެގައުމުގެ ސަލާމަތީ މަސްރަހު ގޯސްވަމުންދާތީ، އެގައުމުގައި ތިބި އިންޑިއާގެ ހުރިހާ ރައްޔިތުން ލަސްނުކޮށް އީރާނުން ފޭބުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ތެހެރާންގައި ހުންނަ އިންޑިއާ އެމްބަސީން އަންގައިފި އެވެ.

މި އިއުލާނުގައި އީރާނުގައި ތިބި ދަރިވަރުންނާއި، ފަތުރުވެރިންނާއި، ވިޔަފާރި ދަތުރުތަކުގައި އުޅޭ މީހުންގެ އިތުރުން އެގައުމުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުން، ލިބެންހުރި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް އަވަހަކަށް އެގައުމުން ފޭބުމަށް ވަނީ އަންގާފަ އެވެ. އަދި އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެމްބަސީއާ ގާތް ގުޅުމެއް ބޭއްވުމަށާއި، މުޒާހަރާކުރާ ސަރަހައްދުތަކާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ސަލާމަތީ ގޮތުން ނުހަނު ބޮޑަށް ސަމާލުވެ ތިބުމަށްވެސް އިރުޝާދު ދީފައިވެ އެވެ.

އިންޑިއާ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ އީރާނުގެ އެކި ހިސާބުތަކުގައި އުފެދިފައިވާ ހަލަބޮލިކަން އިތުރުވެ، ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އޮތް ނުރައްކަލާމެދު ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނިގޮތުގައި، ގައުމުން ބޭރުގައި އުޅޭ އިންޑިއާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ މިނިސްޓްރީން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި އަދިވެސް އީރާނުގައި ތިބި މީހުން، ލަސްނުކޮށް އެގައުމުން ފޭބުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ބާރުއަޅާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0