ޚަބަރު , ސިޔާސީ

މޯލްޑިވް ގޭސްގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރުމަށް އެސްއޯއީ ކޮމިޓީގައި އެދިއްޖެ

14 ޖަނަވަރީ 2026 - 12:38
މޯލްޑިވް ގޭސްގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރުމަށް އެސްއޯއީ ކޮމިޓީގައި އެދިއްޖެ
ފޮޓޯ: މޯލްޑިވް ގޭސް

މޯލްޑިވް ގޭސްއާ ގުޅޭ ސީރިއަސް ކޮރަޕްޝަންގެ މައްސަލަތަކަކާއި، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މަޖިލިސް މެމްބަރުންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ މައްސަލައަކީ، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މޯލްޑިވް ގޭސް އިން 800,000 ޑޮލަރުގެ ގޭސް ޝިޕްމަންޓެއް ހޯދުމަށް ކުރި މުއާމަލާތެކެވެ. މި ޝިޕްމަންޓަށް އެޑްވާންސް ފައިސާގެ ގޮތުގައި 246,654 ޑޮލަރު ދައްކާފައިވާއިރު، މި މުއާމަލާތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އެކަން ތަހުގީގު ކުރުމަށް ވަނީ އެދިފަ އެވެ.

މި ގޭސް ޝިޕްމެންޓަށް އެޑްވާންސަށް ފައިސާ ދެއްކި ނަމަވެސް ގޭސް ލިބިފައިވާ ނުވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި އެވެ.

މީގެ އިތުރުން، މޯލްޑިވް ގޭސްގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ވެސް މި ސިޓީގައި ވަނީ ހިމަނާފަ އެވެ. އެގޮތުން، ވައިކަރަދޫ ދާއިރާގެ މެމްބަރާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރަށް ބިރުދެއްކުން ދޭހަވާ ފަދަ ގޮތަކަށް އަބްދުﷲ މުހައްމަދު މީސްމީޑިއާގައި ޕޯސްޓުތަކެއް ކުރައްވާފައިވާ ކަމަށް ޝާކިރުގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މެމްބަރު ޝާކިރު އެދިވަޑައިގެންފައިވަނީ މި ދެ މައްސަލައާ ގުޅޭ ފުރިހަމަ މައުލޫމާތު ހޯދައި، އެސްއޯއީ ކޮމިޓީން މިކަންކަން މިހާރުން މިހާރަށް ތަހުގީގު ކޮށްދިނުމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0