ޚަބަރު

މުވައްޒަފުންނަށް ޕެންޝަން ޖަމާނުކުރާ ލިސްޓުގައި ވެމްކޯއާއި ބީސީސީ

13 ޖަނަވަރީ 2026 - 16:46
މުވައްޒަފުންނަށް ޕެންޝަން ޖަމާނުކުރާ ލިސްޓުގައި ވެމްކޯއާއި ބީސީސީ

ސަރުކާރު ހިއްސާވާ ދެ ކުންފުނި ކަމަށްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގާނޫނީ ގޮތުން މުވައްޒަފުންނަށް ހައްގުވާ ޕެންޝަން ފައިސާ ޖަމާނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ހާމަވެއްޖެއެވެ.

އާއްމު ފަރާތަކުން ޕެންޝަން އޮފީހަށް ހުށަހެޅި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ރިކުއެސްޓަކަށް ޕެންޝަން އޮފީހުން ދީފައިވާ ޖަވާބުން އެނގޭ ގޮތުގައި ވެމްކޯއިން މުވައްޒަފުންނަށް އެންމެ ފަހުން ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ މީގެ 14 މަސްދުވަސް ކުރިންނެވެ. އަދި ބީސީސީން ޕެންޝަން ފައިސާ އެންމެ ފަހުން ޖަމާކޮަށްފައިވަނީ މީގެ ތިންމަސް ކުރިންނެވެ. މިގޮތުން ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ޕެންޝަނަށް އެންމެފަހުން ފައިސާ ދައްކާފައި ވަނީ އޮކްޓޫބަރު 16، 2024 ގަ އެވެ. އަދި ބީސީސީން އެންމެފަހުން ޕެންޝަން އޮފީހަށް ފައިސާ ދައްކާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 18، ގަ އެވެ.

މި ތުހުމަތު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުރެވުމުން ވެމްކޯއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ދިވެހިރާާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނު (8/2009) ގެ 15 ވަނަ މާާއްދާގައި ވާގޮތުން:

"އެމުވައްޒަފަކު ސްކީމަށް ދައްކަންޖެހޭ ފައިސާއާއި، ވަޒީފާދޭ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު، ޕެންޝަން އޮފީހުން ކަނޑައަޅާ އެކައުންޓަކަށް، މުވައްޒަފަށް މުސާރަދޭ ތާރީޚުން ފެށިގެން ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަންވާނެއެވެ."

އަދި އެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބުނާގޮތުން;

މުއްދަތު ހަމަވުމުގެ ކުރިން، ސްކީމަށް ދައްކަންޖެހޭ ފައިސާ ވަޒީފާދޭ ފަރާތުން ނުދައްކައިފިނަމަ، ނުދައްކާ އޮތް ފައިސާއާއި، ޕެންޝަން އޮފީހުން ކަނޑައަޅާ ޖޫރިމަނާއެއް، ވަޒީފާދޭ ފަރާތުން ދައްކަންވާނެއެވެ. މިގޮތުން ޖޫރިމަނާގެ ގޮތުގައި ދައްކާ ފައިސާއަކީ، މުވައްޒަފުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާއެކެވެ. މިގޮތުން ޖޫރިމަނާ ކުރެވޭ ޢަދަދު ކަނޑައަޅަންވާނީ ދައްކަންޖެހޭ ފައިސާގެ ޢަދަދާއި އަދި ފައިސާ ނުދައްކައި ހިނގި މުއްދަތަށް ބެލުމަށްފަހުގައެވެ.

ވެމްކޯގެ މުވައްޒަފުންނަށް ޕެންޝަނުގެ ގޮތުގައި ޖަމާނުކޮށް ހުރި ފައިސާގެ އަދަދު އެކި މުވައްޒަފުންނަށް އަސާސީ މުސާރައިގެ ނިސްބަތުން ތަފާތުވާނެއެވެ. ނަމަވެސް ޕެންޝަން ޖަމާނުކޮށް ހުރި މުއްދަތަށް ބަލާއިރު މިނިމަމް ވޭޖް ލިބޭ މުވައްޒަފަކަށް އެވަރެޖްކޮށް 5000ރ އަށްވުރެ ބޮޑު އަދަަދަކަށް ފައިސާ ޖަމާނުކޮށް ހިފަހައްޓާފައިވާކަމަށް ލަފާކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0