ފެބްރުއަރީ ފަސް ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސަވައިފި
އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 3/2026 ނަމްބަރު ދެންނެވުމުގައެވެ.
ރައީސް އޮފީހުން ވިދާޅުވީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައެވެ. މިއީ ރައީސް ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ތިން ވަނަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެއެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް މިމަހުގެ 8 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާގައި ވޭތުވެދިޔަ ދެ އަހަރު ދުވަހު ސަރުކާރުން ހޯދި ކާމިޔާބީތައް ވަރަށް ތަފްސީލްކޮށް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.






ރިއެކްޓް