ޚަބަރު

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނައީމް ނިޔާވެއްޖެ

13 ޖަނަވަރީ 2026 - 14:04
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނައީމް ނިޔާވެއްޖެ

ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، މުޙައްމަދު ނައީމު ހުސައިން އުމުރުފުޅުން 74 އަހަރުގައި ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، މިދިޔަ އާދިއްތަ ދުވަހުއެވެ. ނައީމްގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެ ހުޅުމާލޭ ސަހަރާގައެވެ.

ނައީމް ނިޔާވުމުގެ ހިތާމައިގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ތައުޒިޔާ ފޮނުވާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ނައީމްގެ ވަކިވެދިއުމަކީ ރާއްޖޭގެ މުޅި އޭވިއޭޝަން ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ހުސްކަމެކެވެ. އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް އޭނާ ކުރެއްވި މަސައްކަތާއި ފޯރުކޮށްދެއްވި ހިދުމަތްތައް އަބަދުވެސް ހަނދާން އާކުރާނީ އިހުތިރާމާއި ޝުކުރުވެރިކަމާ އެކުގައި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

މުޙައްމަދު ނައީމަކީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، މީގެ 59 އަހަރު ކުރިން ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ ވަނީ ސްރީ ލަންކާއިން އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ގެ ތަމްރީނުތައް ފުރިހަމަ ކުރައްވާފައެވެ.

ތަމްރީނުތަކަށްފަހު ހުޅުލޭ އެއާޕޯޓުގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަށް ނައީމް ނުކުމެވަޑައިގަތީ އޭޕްރީލް 7، 1973 ގައެވެ. މީގެ އިތުރުން އޭނާ ވަނީ ތައިލެންޑުގެ ސިވިލް އޭވިއޭޝަން ސެންޓަރުން ވެސް އޭޓީސީގެ ތަމްރީނު ހައްދަވައި، އޮސްޓްރޭލިއާގައި އެއިރޯނޯޓިކަލް ސާޗު އެންޑް ރެސްކިއު ޓްރެއިނިން ވެސް ފުރިހަމަ ކުރައްވާފައެވެ.

ނައީމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ބިންގާ އެޅުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާގެ ވަކިވެދިއުމަކީ ދާއިރާގެ ގިނަ ބަޔަކަށް ލިބުނު ފުން ހިތާމައެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0