މަނިޔަފުށި ބިޑަކާ ނުލައި ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ، ދެފުށް ފެންނަ ކަމެއް ނޫން: ގަޕޯ
މަނިޔަފުށި އެއްވެސް ބިޑުކުރުމަކާ ނުލައި އަމިއްލަ ފަރާތަކަށް ދޫކޮށްލުމަކީ ދެފުށް ފެންނަ ގޮތެއް ނޫން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް އަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ރައްޔިތުންނަށް އެނގުމަކާ ނުލައި އަދި އާންމުކޮށް ހުޅުވާލައިގެން ބިޑުކުރުމެއް ނެތި މަނިޔަފުށި ބަޔަކަށް ދީފައިވާ ކަމަށެވެ.
"އެއްވެސް ބިޑުކުރުމަކާ ނެތި ރައްޔިތުންނަށް އެނގުމަކާ ނުލާ އެ ރަށް މިހާރު ވަނީ ބަޔަކަށް ދެވިފަ. އެކަން އެ ގޮތަށް ކުރީމާ އެވާހަކަ ރައްޔިތުން ދައްކާނެ،" ގަޕޯ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އިންތިހާބަށް އިޝާރާތްކުރައްވައި ގަޕޯ ވިދާޅުވީ، އެއްވެސް ނުފޫޒެއްގައި ނުޖެހި ރައްޔިތުން ވޯޓުލާން އެބަޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ކަންކަން ކޮށްދޭނެ ކަމަށް ގަބޫލުކުރެވޭ މީހުންނަށް ވޯޓު ދޭންޖެހޭ ކަމަށާއި، ސަރުކާރުން ނުވަތަ އިދިކޮޅު ފަރާތުން ބުނާ ކޮންމެ ގޮތަކަށް ވޯޓުލުމުގެ އުސޫލު އޮވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ގަޕޯ ވަނީ ސަރުކާރުން މިހާރު ރަށްރަށުގައި ދެމުންދާ ވަޒީފާތަކާ ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިހާރު ރަށްރަށުން ދެމުންދާ ވަޒީފާތަކަކީ ސީދާ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށެވެ. މީގެ އިތުރުން، މުވައްޒަފުންގެ ޕެންޝަނަށް ފައިސާ ޖަމާނުކޮށް ހުރުމަކީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައިވާ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯގެ ހިންގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ، އެ ކުންފުނީގެ ތެރޭގައި ހިނގަމުންދާ ކަންކަމަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެމްޑީޕީން މިފަދަ ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކޮށްފައިވާއިރު، މަނިޔަފުށި ދޫކުރުމާއި ވަޒީފާގެ މައްސަލަތަކުގައި ސަރުކާރުން ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.






ރިއެކްޓް