ޕީއެންސީ ޕްރައިމަރީގައި ޔޫއްޕެއަށް އެންމެ ވޯޓެއްގެ ތަފާތުން ނާކާމިޔާބު
ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީގައި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް އެންމެ ވޯޓެއްގެ ތަފާތުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މައްސަލަ ބޮޑުވެ, ނަތީޖާ އިޢުލާންކުރުން ލަސްވެގެން ދިޔަ މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓް ޔޫއްޕެއަށްވުރެ އެއް ވޯތު އިތުރަށް ހޯއްދަވައިގެން ކާމިޔާބުކުރެއްވީ އާދަމް އަދީމް އެވެ. އޭނާއަށް ލިބިފައިވަނީ 58 ވޯޓެވެ.
މި ދާއިރާގެ ނަތީޖާ އިއުލާންކުރުން ލަސްވީ، ވޯޓުލީ ދުވަހު ހިނގި ހަމަނުޖެހުމަކާ ގުޅިގެން މައްސަލަ ބަލަން ޖެހުމުންނެވެ. ވޯޓުލުމުގެ ހައްގު އޮތް މީހުންނަށް ވުރެ އިތުރަށް ވޯޓުލީ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ވޯޓު އަލުން ގުނި ނަމަވެސް، އެނގިފައިވާ ގޮތުގައި ވޯޓު ފޮއްޓަށް އިތުރު އެއްވެސް ވޯޓެއް ލާފައެއް ނުވެއެވެ.
ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް އަންނަނީ މި މަހުގެ 16 ވަނަ ދުވަހު ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި 125 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1,362 މީހުން ވާދަކުރާނެއެވެ.






ރިއެކްޓް