އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި
ސޯމާލީލޭންޑަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުމުގެ ސަބަބުން، ކުދި ގައުމުތަކުގެ ސިޔާދަތަށް ނުރައްކާވެ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސްތައް ބަލިކަށިވަމުންދާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޖިއްދާގައި ބޭއްވި އިސްލާމީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (އޯއައިސީ) ގެ 22 ވަނަ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ، އިޒްރޭލުގެ މި އަމަލަކީ ސޯމާލިއާގެ ބިމުގެ ނަޒާހަތްތެރިކަމަށް އަރައިގަތުން ކަމަށާއި، މިއީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. އަދި ފަލަސްތީނުގެ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލިފައިވާ ދަނޑިވަޅެއްގައި، މިފަދަ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ނުރައްކާތެރި އާދަތަކެއް އަށަގަންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގައްޒާގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ވަޒީރު ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހައި އަމަލުކުރުމުގެ ސަބަބުން، ރާއްޖެ ފަދަ ގައުމުތަކުގެ މިނިވަންކަން ދެމެހެއްޓުމަށް ބުރަވާ ބައިނަލްއަގުވާމީ އުސޫލުތަކަށް ބުރޫއަރަމުންދާ ކަމަށެވެ.
އޯއައިސީގެ 57 މެންބަރު ގައުމަކުން ބައިވެރިވި މި ބައްދަލުވުމަކީ، ސޯމާލީލޭންޑްގެ މިނިވަންކަން އިޒްރޭލުން ބަލައިގަތް މައްސަލައާ ގުޅޭގޮތުން ޚާއްސަ ގޮތެއްގައި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން މި ޖަމިއްޔާގެ ހަރަކާތްތެރި މެންބަރެކެވެ.






ރިއެކްޓް