ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާއެއް ނޫން: ރައީސް
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮންނަ މުއައްސަސާއެއް ނޫން ކަމަށާއި، އެއީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ބޭއްވި ޕީއެންސީގެ އައު ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ކައުންސިލްތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް އޮންނަ އިދާރާތަކެއް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކައުންސިލަރުން ހޮވަން މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނުބައި ސިގްނަލެއް ކަމަށް ފާހަގަކުރެއްވި އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރަން ކައުންސިލަރުން ހޮަވަން މަސައްކަތް ކުރަންޏާ އެއީ ނުބައި ސިގްނަލެއް. ކައުންސިލަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް،" ރައީސް ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން ކަމަށެވެ. އަދި ކައުންސިލްތަކުން ކުރަންޖެހޭނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށް ދޭހަވާ މޭރުމުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ވާހަކަފުޅު މިހާ ބޮޑަށް ދައްކަވަން ޖެހުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ބައެއް ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކެމްޕޭން ކުރަމުންދާތީއެވެ. ސަރުކާރު ޖަވާބުދާރީ ކުރަންޖެހޭނީ ކޮންބައެއްކަން ގާނޫނީ ނިޒާމުގައި ލިޔެފަ އޮންނާނެ ކަމަށާއި، ކައުންސިލްތަކުން ކުރަންޖެހޭ ކަމަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށް ސަރުކާރަށް އެއްބާރުލުން ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް މައި ދެ ޕާޓީއިން ތައްޔާރުވަމުންދާއިރު، މި މަހު 16 ގައި އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ އެވެ. ޕީއެންސީއިން ވަނީ 15 ވަރަކަށް ދުވަސްތެރޭ އިއުލާންކޮށް ޕްރައިމަރީ ބާއްވާ ނިންމާފަ އެވެ.






ރިއެކްޓް