ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި، 294،937 މީހުންނަށް ވޯޓު ލެވޭ

8 ޖަނަވަރީ 2026 - 11:35
ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި، 294،937 މީހުންނަށް ވޯޓު ލެވޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ. ރޭ އެ ކޮމިޝަނުން ނެރުނު މި އިއުލާނުގައިވާ ގޮތުން، މިއަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.

މި އިންތިހާބުގައި އަތޮޅުތެރޭގެ ރަށްތަކުގައި ޖުމްލަ 321 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން، ރިސޯޓުތަކުގައި 50 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މިފަހަރުގެ އިންތިހާބުގައި ދެ ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯ އާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގަ އެވެ.

މީގެ އިތުރުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ބޮޑު ދެ ޕާޓީ އިން ދަނީ ތައްޔާރުވަމުންނެވެ. ވެރިކަންކުރާ ޕީއެންސީގެ ޕްރައިމަރީ ނިމިފައިވާއިރު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީ މި މަހު 16 ވަނަ ދުވަހު އޮނަނާނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0