ގައުމީ ބޮޑީބޯޑިންގް ޓީމެއް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތަކަށް
ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ބޮޑީބޯޑިންގް ޓީމެއް ބައިނަލްއަގްވަމީ މުބާރާތެއްގައި ބައިވެރިވާން ހަމަޖެހިއްޖެ އެވެ.
މޮރޮކޯގައި މި މަހު 31 ގައި ފަށާ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަސް އެތްލީޓަކު ބައިވެރިވާނެ އެވެ، މި މުބާރާތުގެ ޖޫނިއާ މެންސް ރައިސިންގް ސީރީސްގައި ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން އިޔަން އަހުމަދު ވާދަކުރާއިރު، މުބާރާތުގެ ޕްރައިމް ސީރީސްގައި ވާދަކުރާނީ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، އަޝްރަފް ހަސަން އަދި މުހައްމަދު ކައިފް އެވެ.
މޮރޮކޯގައި އޮންނަ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕަކީ އިންޓަނޭޝަނަލް ބޮޑީބޯޑިންގް ކޮމިޓީ (އައިބީސީ) އިން ބާއްވާ މުބާރާތެކެވެ. އައިބީސީ ވޯލްޑް ޓުއާ ގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ރާއްޖޭގެ އެތްލީޓުންނަށް ރޭންކިންގްގައި ކުރިއަށްދިޔުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި މުބާރާތަކީ 2020 ވަނަ އަހަރު ގައުމީ ބޮޑީބޯޑިންގް ޓީމު އުފެދުނު ފަހުން ރަސްމީކޮށް ޓީމެއްގެ ގޮތުގައި ވާދަކުރާ ފުރަތަމަ މުބާރާތެވެ.
އައިބީސީ ވޯލްޑް ޓުއާގެ މުބާރާތެއް 2022، 2023 އަދި 2024 ގައި ރާއްޖޭގައިވެސް ބާއްވާފައިވެ އެވެ. މޮރޮކޯ މުބާރާތުގައި ބައިވެރިވި ހުރިހާ އެތްލީޓުންނާއި ރާއްޖޭގެ އެހެން ބޮޑީބޯޑަރުން ވަނީ 'ވިޒިޓް މޯލްޑިވްސް ޕްރޯ' ގެ ނަމުގައި އެ ތިން އަހަރު ކުރިއަށްދިޔަ މުބާރާތުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ.






ރިއެކްޓް